މެންބަރު އަބްދުﷲ ރިޔާޒް

ރައީސް ނަޝީދަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ހުށަހެޅި އިސްލާހު ނަގަން ޖޭޕީޖީ ލީޑަރު ލަތީފަށް އަންގަވައިފި

ރައީސް ނަޝީދަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހު އަނބުރައި ނަގަން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދަށް ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕު (ޖޭޕީޖީ)ގެ ލީޑަރު އަބްދުﷲ ރިޔާޒު އަންގަވައިފި އެވެ.

ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި އެކަން ޔަގީންކޮށްދެއްވައިފަ އެވެ.

ރިޔާޒްގެ ޓުވީޓުގައި ވިދާޅުވީ މެންބަރު ލަތީފަށް އެ ބިލު އަނބުރައި ނަންގަވަން ދެންނެވީ، އެ ހުށަހެޅުއްވުމަކީ ޖޭޕީޖީގައި މަޝްވަރާކުރެއްވުމެއް ނެތި އަދި އޭގެ ސަބަބުން ކޯލިޝަނުގެ އެއް ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލިދާފަދަ ބިލެއް ކަމަށް ވާތީ ކަމަށެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޖޭޕީޖީގެ ގުރޫޕުގެ ލީޑަރު، އަބްދުﷲ ރިޔާޒް ދާދި ދެންމެ ވިދާޅުވީ އެ ބިލަށް ޖޭޕީން އެއްވެސް ހާލެއްގައި ތާއީދު ނުކުރާ ކަމަށެވެ.

ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި މެންބަރު ލަތީފު އިއްޔެ ހުށަހެޅުއްވި އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ.

މެންބަރު ލަތީފު އެފަދަ އިސްލާހެއް ހުށަހެޅުއްވި އިރު، ރައީސް ނަޝީދު ގެންދަވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައި ކެމްޕޭން ކުރައްވަމުންނެވެ. އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީންވެސް ވަނީ މަޖިލީހަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފަ އެވެ.