އިލެކްޝަންސް ކޮމިޝަން

ކުރިންވެސް މިހާރުވެސް ހުންނާނީ އިންސާފުގެ މަގުގައި: ޝަރީފް

ރިޔާސީ އިންތިހާބުގެ ކުރިން އަދި ފަހުން އައި ހުރިހާ ފާޑުކިޔުމަކަށް ސާބިތުކަމާއެކު ކުރިމަލި ކަމަށާއި އޭރުވެސް މިހާރުވެސް ހުންނާނީ އިންސާފުގެ މަގުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑިމޮކްރަސީއެއްގައި އިންތިހާބުތަކަކީ ރައްޔިތުންގެ އަޑު ކަމަށާއި އެ އަޑު ވަރަށް ސާފުކޮށް އިއްވައިފި ކަމަށެވެ. އަދި އެ އަޑު އެހުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރިޔާސީ އިންހާބުގެ ކުރިން އަދި ފަހުން އައި ހުރިހާ ފާޑުކިޔުމަކާ އަޅުގަނޑު ސާބިތުކަމާއެކު ކުރިމަތިލިން. އޭރުވެސް މިހާރުވެސް އަޅުގަނޑު ހުންނާނީ އިންސާފުގެ މަގުގައި. ޑިމޮކްރަސީއެއްގައި އިންތިހާބުތަކަކީ ރައްޔިތުންގެ އަޑު. އެ އަޑު ވަރަށް ސާފުކޮށް އިއްވައިފި. އެ އަޑު އެހުމަކީ އެންމެންގެ ޒިންމާއެއް،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގާނޫނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯތަކެއް މިއަދު ވަނީ ލީކުވެފައެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކަމަށް ބެލެވޭ މީހަކާއި އެހެން މީހަކާ ދެމެދު ކޮށްފައިވާ ކަމަށް ބެލެވޭ ފޯން ކޯލްތަކެއްގެ ރެކޯޑިންއެވެ. އެކަމާ ގުޅޭގޮތުން ޝަރީފް ވިދާޅުވެފައިވަނީ ލީކުވި އޯޑިއޯއަކީ އެކި ފޯނު ކޯލްތައް އިސްފަސްކޮށް، މާނަ އޮޅޭގޮތަށް އެޑިޓްކޮށްފައިވާ ރެކޯޑިންއެއް ކަމަށެވެ.