އާޒިމާ ޝުކޫރު

ޕީޕީއެމްގެ ޓިކެޓު ދީފައިވާ އާޒިމާ ޝަކޫރު މަޖިލިސް ކެމްޕޭން ހުއްޓާލައިފި

1

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށް ޓިކެޓު ދީފައިވާ، ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރުކަން ކުރެއްވި އާއިޝަތު އާޒިމާ ޝަކޫރު އޭނާގެ ކެމްޕޭން ހަރަކާތްތައް ހުއްޓަވައިލައްވައިފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އާޒިމާ ރައްޔިތުންގެ މަޖިލީހުގެ ނ. ހޮޅުދޫ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމް ޓިކެޓު ހަވާލުކޮށްދެއްވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އެވެ. އެއަށް ފަހު އާޒިމާ ވަނީ މަޖިލިސް އިންތިޚާބަށް ތައްޔާރުވެވަޑައިގެންނެވުމުގެ ގޮތުން ކެމްޕޭން ފަށްޓަވައިފަ އެވެ.

އާޒިމާގެ ކެމްޕޭންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ މީހަކު "ވަން އޮންލައިން"އަށް މައުލޫމާތު ދެމުން މިއަދު ބުނީ އާޒިމާ ކެމްޕޭން ހަރަކާތްތައް ހުއްޓަވައިލެއްވީ ސިއްހީ ސަބަބުތަކަށް ޓަކައި ކަމަށެވެ. އެހެން ނަމަވެސް މަޖިލީހަށް ކުރިމަތިނުލައްވާ ގޮތަށް ނިންމެވިކަން ޔަގީން ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ޓިކެޓު ލިބިވަޑައިގެންނެވި ފަހުން އާޒިމާ ހޮޅުދޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޮޅުދޫ، މިލަދޫ އަދި މަގޫދޫއަށް ވަޑައިގެން ކެމްޕޭން މަސައްކަތްތައް ކުރައްވައިފައިވާ ކަމަށެވެ. އޭގެ އިތުރުން މާލޭގައި ކެމްޕޭން ހަރަކާތްތައް ފަށްޓަވައިގެން ވަރަށް ބާރަށް ކުރިޔަށް ގެންދެވި ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.

އާޒިމާ މަޖިލިސް ކެމްޕޭން ހުއްޓަވައިލެއްވީ ސިއްހީ ސަބަބުތަކަކަށް ޓަކައި ކަމަށް އޭނާގެ ކެމްޕޭންގައި އިސްކޮށް އުޅުނު މީހަކު "ވަން އޮންލައިން"އަށް މައުލޫމާތު ދިން އިރު، ވަންއަށް އެނގިފައިވާ ގޮތުގައި އާޒިމާ ވަނީ ސްޓްރޯކެއް ޖެހިގެން 2013 ވަނަ އަހަރު އެކަމަށް ފަރުވާ ހޯއްދަވައިފަ އެވެ. އަދި ހަމަ އެހެންމެ ހިތުގެ މައްސަލައެއްގައި ދާދި ފަހުން ވަނީ ސިންގަޕޫރުން ވެސް ފަރުވާ ހޯއްދަވައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އާޒިމާއަށް ގުޅުމުން ފޯނު ނުނަންގަވާތީ އިތުރު ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟