ޕީޕީއެމް

ޕީޕީއެމަށް އަލުން ސޮއިކުރައްވައި، މަތީން އެސްޖީ ކަމަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ހަމަޖައްސައިފިއެވެ.

ޕީޕީއެމްގެ އެސްޖީ ކަމަށް މިރޭ މަތީން ހަމަޖައްސާފައިވާ އިރު، އޭނާ ވަނީ ދާދި ފަހުން އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. ނަމަވެސް ފަހުން އަލުން ޕީޕީއެމަށް ސޮއިކުރައްވައި، މަތީން ވަނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ފޯމު ހަވާލުކޮށްދެއްވައިފައެވެ.

މަތީން އަލުން ޕީޕީއެމަށް ސޮއިކުރައްވާފައިވާ ސަބަބު އޭނާ ހާމަކުރައްވާފައި ނުވި ނަމަވެސް، ކުރިން އޭނާ ޕީޕީއެމުން ވަކިވެވަޑައިގެންފައިވަނީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންނެވުމަށެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ބައެއް އާންމު މެމްބަރުން ދަނީ އެ ޕާޓީން ވަކިވެ، ޕީއެންސީއާ ގުޅެމުންނެވެ. ޕީޕީއެމްގެ ކުރީގެ އެސްޖީ މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް ވަނީ ދާދި ފަހުން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމަށް ފަހު ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.