ޓެކްނޮލޮޖީ

އެޕަލްގެ އާ އައިފޯނުގެ މައުލޫމާތު ލީކުވެއްޖެ

މުހައްމަދު އައުޒަމް

އެޕަލްގެ އާ އައިފޯނުގެ މައުލޫމާތު ލީކުވެއްޖެއެވެ.

އެޕަލް އިން މިއަހަރު އަލަށް ނެރޭ އައިފޯނުގެ މައުލޫމާތު އާންމު ކޮށްފައިވާ ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓު "ނައިން ޓު ފައިވް މެކް" އިން ރިޕޯޓުކުރާ ގޮތުގައި މިފަހަރު އެޕަލް އިން ނެރެން ހަމަޖެހިފައިވަނީ އައިފޯން އެކްސް އައި އަދި އައިފޯން 11 އެވެ.

މިފަހަރު ލީކުވެފައިވާ މައުލޫމާތަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެޕަލް އައިފޯން އެކްސް އައި މެކްސް ގައި ޓްރިޕަލް ކެމެރާ ސިސްޓަމެއް ގާއިމް ކޮށްފައި ހުރުމެވެ. މިއީ އެންމެ ފަހުގެ ޓެކްނޮލިޖީ އެކުލެވޭ ވަރުގަދަ ކެމެރާ ސިސްޓަމަކަށް ވާނެކަމަށް މައުލޫމާތު ލިބެއެވެ.

ލީކުވެފައިވާ މައުލޫމާތުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެޕަލް އައިފޯނުގެ އެންޓަނާއަށް ބަދަލު ގެނައުމެވެ. މިއަހަރު ނެރޭ އައިފޯނުގެ މޮޑެލްތަކުގައި މިހާރު ބޭނުން ކުރާ އެންޓަނާތަކަށްވުރެ ބާރުގަދަ އަދި ސިގްނަލް ވެސް އަޕްގްރޭޑް ކުރެވިފައިވާ އެންޓެނާ ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެންމެން އިންތިޒާރު ކުރަމުންދާ އައިފޯން 5ޖީ ޓެކްނޮލޮޖީ މިއަހަރު ތައާރަފު ވެދާނެކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކޮންމެ އަހަރެއްގައި ވެސް ނެރޭ އައިފޯނަށް ތަފާތު ޓެކްނޮލޮޖީއެއް ތައާރަފު ކުރެވިގެންދާއިރު މިފަހަރުވެސް އައިފޯނުގައި ތަފާތު އާ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން ލީކުވެފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރު ނެރޭނެކަމަށް ލަފާކުރެވޭ އައިފޯނުގައި އެޕަލް އިން އެންމެ ފަހުގެ ވައިފައި ޓެކްނޮލޮޖީ ގާއިމު ކުރުމަށް ވަނީ ނިންމައިފައެވެ. ވައިފައި6 އަކީ އެންމެ ފަހުގެ ވައިފައި ޓެކްނޮލޮޖީއެވެ. ވައިފައި6 ފާހަގަ ކޮށްލެވެނީ ކަނެކްޝަން އަވަސްވުމުގެ އިތުރުން ފޯނުގެ ބެޓަރި ޗާޖް ހުސްވުން ލަސް ވުމެވެ. ވައިފައި6 ގެ ހިދުމަތް ތައާރަފު ކުރިކަމުގައިވީ ނަމަވެސް މިހާރު ގެންގުޅޭ ވައިފައި ރައުޓަރުތަކުގައި މިޓެކްނޮލޮޖީއާ ގާތް ކުރާވަރަށް ވެސް ޕާފޯމް ނުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން މިއަހަރު ފަހުގެ ޓެކްނޮލޮޖީގެ ރައުޓަރު ބާޒާރަށް ނުކުންނާނެ ކަމަށް ބެލެވެއެވެ.

ލީކުވެފައިވާ މައުލޫމާތުތަކުން ދެން އައިފޯނުގެ މޮޑެލްތަކުގައި ފޭސް ރިކޮގްނިޝަނަށް ވެސް ވަނީ ބޮޑު ކުރިއެރުންތަކެއް ގެނެސްފައެވެ. މިފަހަރު ފޭސް އައިޑީއަށް އެޕަލްގެ ފަހުގެ ޓެކްނޮލޮޖީ އަންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެން އަހަރުތަކާ ހިލާފަށް އެޕަލްގެ ފައިދާއަށް ވޭތުވެދިޔަ އަހަރު ދަށްވުމެއް އައިސްފައިވީ ނަމަވެސް މިއަހަރު އެޕަލްއަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށް ލަފާކުރެވިފައިވެއެވެ.