ޕީޕީއެމް

ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަނީ

ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ. ކައުންސިލް ބައްދަލުވުމަށް މެންބަރުންނަށް ކިޔާފައި ވަނީ މިރޭ 8:30 އަށެވެ.

ޕީޕީއެމްގެ އޮފީހުގައި ބާއްވަން ނިންމައިފައިވާ ކައުންސިލް ބައްދަލުވުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަން އޮންލައިނަށް ވިދާޅުވީ އޭނާ ކައުންސިލް މެންބަރުންނަށް ބައްދަލުވުމަކަށް ދެންނެވީ ޕާޓީގެ ރައީސް، އަބްދުﷲ ޔާމީން އެދިވަޑައިގެން ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާކުރައްވަން ނިންމަވައިފައި ވަނީ މައިގަނޑު ދެކަމަކާ ގުޅޭ ގޮތުން ކަމަށެވެ.

"އެއް ކަމަކީ އިލެކްޝަނުން ހިފަހައްޓާފައިވާ ޕީޕީއެމްގެ ފައިސާ. އަނެއް ކަމަކީ ޕީއެންސީގެ ކަންކަން." މުންދު ވިދާޅުވި އެވެ.

މުންދު މިއަދު ވަން އޮންލައިން އަށް ވިދާޅުވި ގޮތުގައި އެ ދެ މައްސަލައާ ގުޅިގެން އިލެކްޝަނާ ދެކޮޅަށް ދައުވާކުރަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.