ފައިސާ ދޫނުކޮށް ހިފަހައްޓާފައިވާ މައްސަލައިގަ އާއި ޕާޓީ ޕްރައިމަރީ ވަކި ތާރީޚެއްގެ ކުރީން ބާއްވަން ލާޒިމުކޮށްފައިވާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ދައުވާކުރަން ޕީޕީއެމުން ނިންމައިފި އެވެ.
"ވަން އޮންލައިން"އަށް ދާދި ދެންމެ ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ މިއަދުވެސް ޕީޕީއެމްގެ އިންތިޚާބީ ރައީސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ޕާޓީއާ ގުޅޭ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރެއްވުމަށް އެމަނިކުފާނަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"ބައެއް ފަރާތްތަކުން ސޯޝިއަލް މީޑިއާގައި ސްކްރީން ޝޮޓެއް އެބަ ދައުރުކުރޭ މެސެޖުގެ އެއްބައި ނަގައިގެން. ހަގީގަތުގައި އޭގެ މަތީ އޮންނާނެ އެ މެސެޖު ފޮނުއްވާފައި ވަނީ ޕާޓީގެ ރައީސް އެދިވަޑައިގެން ކަމަށް. ޕާޓީގެ ރައީސްގެ އެދިވަޑައިގަތުމަކަށް އެކަން ކޮންމެ މީހަކަށްވެސް ކުރެވިދާނެ." މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ޕީޕީއެމަށް ލިބެން ޖެހޭ 8.5 މިލިއަން ރުފިޔާ އިލެކްޝަނުން ހިފަހައްޓާފައި ވަނީ އެއްވެސް ގާނޫނީ އަސާސެއްގެ މައްޗަށް ނޫން ކަމަށާއި އެފަދަ ގާނޫނީ ބާރެއް އިލެކްޝަނަށް ލިބިގެން ނުވާނެ ކަމަށެވެ.
"ތަންކޮޅެއް ކުރީގެ ކޯޓު ހުކުމެއް ވެސް އޮންނާނެ ސިޔާސީ ޕާޓީއެއްގެ އެފަދަ އެއްވެސް ހައްގެއް ނުހިފެހެއްޓޭނެ ކަމަށް. އެކަމަކު އިލެކްޝަނުން އެ ފައިސާ ހިފަހައްޓައިގެން އެ އުޅެނީ ގާނޫނާ ޚިލާފަށް. އެކަން ނުވެސް ކުރެއްވޭނެ." މުންދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ އަކީ ޕާޓީ ތަކުގެ އެތެރޭގެ ކަމެއް ކަމަށާއި އެކަމަކު މިހާރު ޕްރައިމަރީ ބާއްވަން ޖެހޭ ތާރީޚުވެސް ކަނޑަ އަޅަނީ އިލެކްޝަނުން ކަމަށެވެ. އެހެން އެކަންތައް ކުރަނީ ގަސްދުގައި އެހެން ނިޔަތެއްގައި ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
"އެއްކޮޅުން ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ މި އޮތީ ކޯޓުގައި. އެކަން ވާނެ ގޮތެއް ނޭނގެ. އަނެއްކޮޅުން ޕީއެންސީ އުފެއްދުމަށް 4000 ފޯމު ހުށަހެޅީމަ އޭގަ މައްސަލަ އުޅޭ ކަމަށް އެބަ ވިދާޅުވޭ. ދެން އަނެއްކާ މި އިއުލާނުކުރަނީ މި މަހު 26ގެ ކުރީން މަޖިލިސް ޕްރައިމަރީތައް ވެެސް ނިންމަން ޖެހޭނެ ކަމަށް. އެހެން ވީމަ މީގަ ގޯސްތަކެއް އެބަ އުޅޭކަން އެނގޭ." މުންދު ވިދާޅުވި އެވެ.
މުންދު އިތުރަށް ވިދާޅުވީ ޕީޕީއެމުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ޖުމުލަ އަދަދުވެސް މިހާރު ދައުލަތުން އެ ޕާޓީއަށް ލިބެން ޖެހޭ އަދަދަށް ވުރެ ބޮޑުތަނުން މަދުވާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ވެސް އެންމެ ބޮޑު އެއްޗެއް ދައްކަން އޮންނާނީ އައިލެންޑް އޭވިއޭޝަނަށް ކަމަށެވެ. އެހެން ކަމުން ދައުލަތުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އެ ފައިސާއިން ކެނޑުމާ މެދު އިއުތިރާޒެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީއަށް ވެސް އަންގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ޕީޕީއެމްގެ މި ހުރިހާ ކަމެއް ވެސް ކުރައްވަނީ އެ ޕާޓީގެ ގާނޫނީ ހައިސިއްޔަތު ލިބިވަޑައިގެން ހުންނެވި ޕާޓީގެ ރައީސް ޔާމީން ކަމަށެވެ.