ޝަހީދާ އަބްދުﷲ ސައީދު
ކޭބަލް ވަޅުލުމަށް، މާލޭ ހުކުރު މިސްކިތުގެ ހަރިންމަ ފާރު ތަޅައިލި މައްސަލަ ބަލައިދިނުމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ފުލުހުންނަށް ގޮވާލައްވައިފި އެވެ.
މިނިސްޓަރު ޔުމްނާ މިކަމަށް ގޮވާލައްވާފައި ވަނީ ހެރިޓޭޖް މިނިސްޓްރީއަށް ނޭނގި މާލޭ ހުކުރު މިސްކިތުގެ ހަރިންމަ ފާރު ތަޅައިލި މައްސަލަ އަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ކުރެއްވި ޓުވީޓެއް ރީ ޓުވީޓު ކުރައްވަމުންނެވެ.
އެކަމަނާ މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެފަދަ ކަންކަން ނުހިނގާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުވާންޖެހޭ ކަމަށާއި ދިވެހިންގެ ތަރިކަ ހިމާޔަތް ކުރަންޖެހޭނީ ދިވެހިން ކަމަށެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ ހުކުރު މިސްކިތުގެ ފާރު ތަޅައިލައި، ތަނަށް ބަދަލު ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ބަލައި ދިނުމަށް ފުލުހުންގެ ކިބައިން އެދޭ ކަމަށެވެ.
އަދި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގެ ހުކުރު މިސްކިތަކީ ޔުނެސްކޯގެ، ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ދިވެހިންގެ އަގުހުރި ސަގާފީ ތަރިކައެއް ކަމަށެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ ހުކުރު މިސްކިތުގެ ހަރިންމަ ފާރު ތަޅާލާފައިވަނީ ކޭބަލެއް ލާން ކަމަށެވެ. ނަމަވެސް އެމަސައްކަތްކުރީ ކޮން ބައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން މިނިސްޓްރީއަށްވެސް އަންގާފައި ނުވާކަމަށެވެ.
ތޯރިގު ވިދާޅުވީ އެމައްސަލަ ބަލައި ދިނުމަށް އެދި މާދަމާ ރަސްމީކޮށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށެވެ.