ޕީޕީއެމް

އޮޅުވާލި ވޯޓުގެ ނަމުގައި ޕީޕީއެމްގެ ސަޕޯޓަރުން ބާއްވާ މުޒާހަރާ ފަށައިފި

އޮޅުވާލި ވޯޓުގެ ނަމުގައި ޕީޕީއެމްގެ ސަޕޯޓަރުން ބާއްވާ މުޒާހަރާ ފަށައިފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކައިރީގައި މިހާރު ކުރިއަށްދާ މުޒާހަރާގައި އެއްވެފައި ތިބި މީހުން ދަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ބާއްވާ އެ މުޒާހަރާ ފަށާފައިވަނީ މިއަދު ހަވީރު މީސްމީޑިއާ އަދި އެސްއެމްއެސް މެދުވެރިކޮށް، އެ ޕާޓީއަށް ތާއީދުކުރާ ސަޕޯޓަރުންނަށް ދައުވަތު ދިނުމަށް ފެށި މުޒާހަރާއެކެވެ. އެ މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މަޖިލިސް މެމްބަރުންނާއި ޕީޕީއެމްގެ ކައުންސިލް މެންބަރުން ދަނީ ބައިވެރިވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަމަށާއި އެކަމަށް އިންސާފު ހޯދަންޖެހޭ ކަމަށް ޕީޕީއެމްގެ ސަޕޯޓަރުން މީސް މީޑިއާގައި އަންނަނީ ބުނަމުންނެވެ. ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ވެސް އަންނަނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ވެސް ތުހުމަތުތަކެއް ކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އިއުލާންކުރި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. ރަސްމީ ނަތީޖާ އާއި ދާއިމީ ނަތީޖާގެ މާބޮޑު ފަރަގެއް ނެތެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އިންތިާޚާބުގެ ނަތީޖާއަށް އަސަރުކުރާވަރުގެ އެއްވެސް ޝަކުވާއެއް ގައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހެޅިފައިނުވާ ކަމަށެވެ.