މުހައްމަދު މަލީހު ޖަމާލް

މިނިސްޓަރު މަލީހު ދިރާގާއި އުރީދޫގެ މަސައްކަތްތައް ބައްލަވާލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު، ދިރާގާއި އުރީދޫގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ.

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން މައުލޫމާތުދިން ގޮތުގައި އެމިނިސްޓްރީއާ ގުޅިފައިވާ ދާއިރާތަކުގެ މަސައްކަތައް ހިނގާ ނުހިނގާގޮތް ބައްލަވާލެއްވުމަށްޓަކައި، މިމަހުގެ ހަތް ވަނަ ދުވަހު ދިރާގަށް ވަޑައިގެން ދިރާގުގެ އިސްވެރިންނާ މިނިސްޓަރު މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު އާއި ދިރާގުގެ އިސްވެރިންނާއި އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް މައުލޫމާތުދިނެވެ. މި ބައްދަލުވުމުގައި ދިރާގުން ކުރިއަށް ރާވައިފައިވާ ކަންކަމާއި އަދި މީގެކުރިން ކޮށްފައިވާ މުހިންމު ކަންކަމާ ގުޅޭ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފައިވާކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން މިމަހުގެ 13 ވަނަ ދުވަހު މިނިސްޓަރު މަލީހު އުރީދޫއަށް ވަޑައިގެން އުރީދޫގެ އިސްވެރިންނާ ބައްދަލުކުރައްވައި މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވައިފައެވެ.

އެގޮތުން އުރީދޫގެ ސީއީއޯ ނަޖީބު ޚާން އާއި އުރީދޫގެ އިސްވެރިންގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލު ވުމުގައި އުރީދޫއިން ކުރިއަށް ރާވައިފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު މިނިސްޓަރާ ހިއްސާކުރެއްވި ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.