ސިނާން އަލީ
ދިވެހި މަސްވެރީން މާކަނޑުން ލައްޓި އާއި ރާގޮނޑި ހިފާ ވީޑިއޯއެއް އާންމުކޮށްފި އެވެ. މި ވީޑިއޯ އާންމުކޮށްފައި ވަނީ "ދިވެހިމަސްވެރީން" ޓުވީޓާ އެކައުންޓުންނެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި މާކަނޑުގައި ދޯނި މަސްކަނޑު ތެރޭގައި އޮވެގެން މަސްބާނަމުންދާ އިރު އެންވަށި ޖަހައިގެން ލައްޓި އާއި ރާގޮނޑި ހިފަނީ ދޯނީގެ އެންކެޔޮޅެވެ.
އެން ކެޔޮޅު އެންވަށީން ލައްޓި އާއި ރާގޮނޑި ހިފައި ދޯންޏަށް އަޅަމުން ދިޔައީ ދޯނީގެ ކޮޅުފަސްކޮޅުގައި ދޮށީން މަސްބާނަން ތިބި މަސްވެރީންނަށް އެންވެސް އުކައިދެމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ މަސްއައިނު ތެރެއަށް ޖަހާފައި ނަގާ ކޮންމެ ވަށްޓެއްގައި ވެސް ލައްޓީ އާއި ރާގޮނޑި ހިމެނޭ ގޮތުން މަދުވެގެން ދޭތި އޮވެއެވެ.
އެންކެޔޮޅު އެންވަށި ކަނޑަށް ޖަހައިގެން ލައްޓި އާއި ރާގޮނޑި ހިފީ އެންވަތު ކައިރީ ހުރެގެން މަސްކަނދާ ހިސާބަށް އެން އުކައި އެ ހިސާބަށް މަސްތިލަކޮށްގެންނެވެ. އެ ހިސާބަށް އެން އުކައިލާ ކޮންމެ ފަހަރަކު އައިނު މަސް އެ އެން ކަމުން ބަޑި ޖަހަމުން ތިލަވެގެން އަރާތަން ވީޑިއޯން ވަރަށް ރީއްޗަށް ފެނެ އެވެ.
ދިވެހި މަސްވެރީން ވީޑިއޯއާ އެކު އާންމުކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ މި ދުވަސްވަރު ލައްޓި އާއި ރާގޮނޑީގެ މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެން އުކަމުން ވަށީން ލައްޓި އާއި ރާގޮނޑި ހިފި އެން ކެޔޮޅު ދޯނީގައި ދޮށި އެޅި މީހުންނަސް ވުރެ ގިނައިން މަސްހިފި ކަމަށް ވެސް އެ ޓުވީޓުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އަތޮޅު ތަކުގެ އެތެރެވަރީން ލައްޓި އާއި ރާގޮނޑި އާންމު ގޮތެއްގައި އެތެރެވަރީން ގިނައިން ބާނަނީ ރޭވަ އައްސިދައިގަ އެވެ. އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ގުޅޭ ހިސާބެވެ.
އެންވަށީން ރާގޮނޑި ހިފި، ގއ. ގެމަނަފުށީ "ގެލެރީ ވިޝަން" ދޯނީގެ މަސްވެރިޔާ އަދި ދިވެހި މަސްވެރީން އެންޖީއޯގެ ރައީސް، އަހުމަދު ޝާފިއު މިއަދު "ވަން އޮންލައިން"އަށް ކިޔައިދިން ގޮތުގައި އެ ދޯނިން ލައްޓި އާއި ރާގޮނޑި އެންވަށި ޖަހައިގެން ހިފީ އިއްޔެ އެވެ.
ޝާފިއު ބުނީ މި ދުވަސްވަރު ބޭރު ކަނޑުން ވަރަށް ގިނައިން ލައްޓި އަދި ރާގޮނޑި ހުންނަ ބޮޑެތި އައިން ފެންނަ ކަމަށާއި އެހެން ނަމަވެސް މިދިޔަ އަހަރާ އަޅައި ބަލާ އިރު މި ދުވަސްވަރު ގޮދާގެ މަސްވެރިކަން ދަށް ކަމަށެވެ.
"މިދިޔަ އަހަރުގެ މިދުވަސްވަރު ގޮދާ މަސްވެރިކަން ވަރަށް ރަނގަޅު. އެކަމަކު އެ މަސްވެރިކަން މި އަހަރަކު އަދި ނުފެނޭ." ޝާފިއު ކިޔަދިނެވެ.
އޭނާ ބުނީ އިއްޔެ އެ ދޯނިން މަސްބޭނީ ހުވަދޫ ކަނޑުގައި އޮންނަ ސަތޯ ރަހަ ތިލަ މަތީން ކަމަށެވެ.
އެންވަށި ޖަހައިގެން ލައްޓި އާއި ރާގޮނޑި ހިފާ ވީޑިއޯ ނަގާފައި ވަނީ ދިވެހި މަސްވެރީން އެންޖީއޯގެ މަސްއޫލުވެރިޔާ އަދި ގެލެރީ ވިޝަން ދޯނީގެ މަސްވެރިޔާ ހަސަން ސާޖިން އެވެ. 2015 ވަނަ އަހަރުން ފެށިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ ސާޖީގެ މިހާރުގެ އުމުރަކީ 20 އަހަރެވެ.
އެން ވަށި ކަނޑަށް ޖަހައިގެން ކަނޑުމަސް ހިފުމަކީ މަދުން ނަމަވެސް ރާއްޖޭގެ މަސްވެރީން ކުރާ ކަމެކެވެ. އެހެން ނަމަވެސް އެކަން ކުރެވެނީ ވަރަށް ވެސް ކޮށިކޮށް މަސް ހުންނަ އަދި ދަހި އައިންތަކުންނެވެ. ކަނޑުމަސް ހިމެނެނީ މަހުގެ ތެރެއިން އެންމެ ބާރު ސްޕީޑުގައި ދަތުރުކުރާ މަހުގެ ތެރޭގަ އެވެ.