މެންޗެސްޓާ ޔުނައިޓެޑް އޮތީ ތަށްޓެއް އުފުލާލަން ތައްޔާރަށް ކަމަށް ކުލަބުގެ ކެޕްޓަން ހެރީ މެގުއާ ބުނެފި އެވެ.
ލީގު ކަޕުގައި ރޭ ޔުނައިޓެޑުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، ގޯލުތައް ޖަހައިދިނީ އެންތޮނީ މާޝިއަލް އާއި އެޑިސަން ކަވާނީ އެވެ. ރޭގެ މެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ ލީގު ކަޕުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އެޓީމުން ސެމީގައި ނުކުންނާނީ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
ރޭގެ މެޗަށްފަހު ކެޕްޓަން މެގުއާ ބުނެފައިވަނީ ޔުނައިޓެޑުން ރަނގަޅު ފޯމަކަށް އެޅި ތަށްޓެއް ހޯދަން ތައްޔާރަށް އޮތް ކަމަށާއި ބޮޑެތި މެޗުތަކުން މޮޅުވެ، ކުލަބަށް ތަށިތައް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ބޮޑެތި މެޗުތަކުން މޮޅުވެ، ކުލަބަށް ތަށިތައް އުފުލައިދިނުމަކީ ވަރަށް މުހިންމު ކަމެއް. އެކަމަށް މިހާރު ޓީމު އޮތީ ވެސް ތައްޔާރަށް. ރޭގެ މެޗުގައި ޓީމުން ފެނުނީ ވަރަށް ވަރުގަދަ ކުޅުމެއް. އެކަމަކު އަދިވެސް ނިންމާލާ ނިންމުންތައް ގިނަވާން ޖެހޭނެ. ފުރުސަތުތައް ބޭނުން ކުރަން ޖެހޭނެ،" މެގުއާ ބުނެފައިވެ އެވެ.
ޔުނައިޓެޑުން އެންމެފަހުން ތަށްޓެއް އުފުލާލާފައިވަނީ 2017 ވަނަ އަހަރު އެވެ. އެއީ އެއަހަރުގެ ޔޫރޮޕާ ލީގެވެ. ޔުނައިޓެޑުން ދަށްކޮށް މި ސީޒަން ފެށި ނަމަވެސް މިހާރު އެ ކުލަބުން ވަނީ ފޯމް ރަނގަޅުކޮށް، ލީގުގެ ވެސް ގަދަ ތިނެއްގެ ތެރެއަށް ވަދެފަ އެވެ. ހާއްސަކޮށް މި ސީޒަނަށް އަލަށް ގެނައި ފޯވަޑް އެޑިސަން ކަވާނީގެ ފަރާތުން ފެންނަމުން އަންނަ ކުޅުމާއެކު ގިނަ ސްޕޯޓަރުންނަށް ވަނީ އުންމީދު އާވެފަ އެވެ.