އުމަރު ނަސީރު

ދެން ރާއްޖޭގައި އެންމެ ބޮޑު މުޒާހަރާއެއް ކުރާނީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް: އުމަރު ނަސީރު

ދެން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މުޒާހަރާ ހިނގާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ އޭނާ ރޭގެ ވަގުތެއްގައި ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އުދުހެނީ ސަރުކާރުގެ ކޮންޓްރޯލު އޮވެގެން ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ހަވާލާދީ ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް އެޓޭޗް ކުރައްވައި އުމަރު ކުރެއްވި އެފްބީ ޕޯސްޓުގައި ވިދާޅުވީ އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

"މި ހެލިކޮޕްޓަރު ރާއްޖެއަށް ގެނެވުނު ފަހުން ރާއްޖޭގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތިން ބޭފުޅަކާ އަޅުގަނޑު ސުވާލުކުރިން. އެބޭފުޅުން ވިދާޅުވީ މި އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީން ދޭ އޯޑަރަކަށް ކަމަށް. އެމްއެންޑީއެފްގެ އޯޑަރަށް ނޫން ކަމަށް." އުމަރު ނަސީރު ވިދާޅުވި އެވެ.

އުމަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ އިންޑިއާގެ ނިޔަތް ސާފު ނަމަ، އެގައުމުން އެއްބަސްވެ ސޮއިކޮށްފައިވާ ގޮތަށް ދިވެހި ސިފައިން ތަމްރީނު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ.

"އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ. ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ގައުމުގެ މިނިވަންކަމާ ގުޅުން ހުރި ކަންކަން ހިންދައިލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށް ހީއެއް." އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.