ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އާންމު މެމްބަރަކު ހުށަހެޅި އެ ޕާޓީގެ މިލްކިއްޔާތުގެ މައްސަލަ މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ޕީޕީއެމަށް ހަވާލުކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެމްބަރެއް ކަމަށްވާ އަލީ އަހުމަދު މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުން އެ މައްސަލަ ނަގައި ބަލަން ފަށައިފައެވެ.
އަލީ އަހުމަދުގެ ގާނޫނީ ވަކީލު އަލީ ޝިހާމް "ވަން އޮންލައިން"އަށް ވިދާޅުވީ މާދަމާ ހެނދުނު 8:15ގައި ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
"މާދަމާ ހެނދުނު 8:15ގައި އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށް ވަނީ ޗިޓު ފޮނުވާފައި،" އޭނާ ވިދާޅުވިއެވެ.
ޝިހާމް ވިދާޅުވީ ޕީޕީއެމް އިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ކުރިން ރައީސް މައުމޫނަށް ޕާޓީ ހަވާލުކޮށްދިނުމަށް ވަގުތީ އަމުރަކަށް ވެސް ސިވިލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕީޕީއެމް އިން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ރައީސްކަމަށް އިންތިހާބުކުރި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި، ޕީޕީލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.