ލީކުވި އޯޑިއޯއަކީ އެކި ފޯނު ކޯލްތައް އިސްފަސްކޮށް، މާނަ އޮޅޭގޮތަށް އެޑިޓްކޮށްފައިވާ ރެކޯޑިންއެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އޯޑިއޯގެ މައްސަލަ ތަހުގީގު ކުރަން ފުލުސް އޮފީހަށް ހުށަހަޅަން ގަސްތުކުރައްވާ ކަމަށާއި އެފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ.
"މިގޮތުން ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ އޯޑިއޯއަކީ، އަޅުގަނޑު ފޯނުން ތަފާތު އެކިފަހަރުމަތިން ދައްކާފައިވާ ވާހަކަތައް، އަޅުގަނޑަށް ނޭނގި ރިކޯޑްކޮށް، ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި މާނައެއް ދޭހަކޮށްދިނުމަށް އެޑިޓްކޮށް، ޑަބްކޮށްފައިވާ އޯޑިއޯއެއްކަން ދަންނަވަމެވެ. އަދި މި މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުސް އޮފީހަށް ހުށަހަޅަން ގަސްތުކުރާ ވާހަކަ އާއި، އެފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދޭނެވާހަކަ ދެންނެވީމެވެ،" ޝަރީފްގެ ބަޔާނުގައިވެއެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތު އޭނައާ ހަވާލުކުރެވުނު ހިސާބުން ގާނޫނު އަސާސީ އާއި ގާނޫނުން އޭނައާ މަތިކޮށްފައިވާ މުހިންމު ޒިންމާ އަމާނާތްތެރިކަމާއެކު އަދާކުރުމަށް ފެށި ކަމަށެވެ.
ނުހަނު ގިނަ އުނދަގޫތަކާއެކުވެސް އޭނައާއި ކޮމިޝަންގެ އެހެން މެމްބަރުން މަސައްކަތްކޮށްފައި ވަނީ އަމާން އޮމާން އަދި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަމަށް އެތެރެއާއި ބޭރުގެ ފަރާތްތަކުން އިއްތިފާގުވެފައިވާ ރިޔާސީ އިންތިޚާބުގައި އޭނާ އޮޅުވާލުންތަކެއް އޮޅުވާލި ކަމަށް ސާބިތުހިފޭ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ބުނަމުންދާތީ އިންތިހާއަށް ހިތާމަކުރައްވާ ކަމަށެވެ.
"ރައްޔިތުންގެ މެދުގައި އަޅުގަނޑާމެދު އޮތް އިތުބާރު ނަގާލައި، ކޮމިޝަންގެ މަސައްކަތާ މެދު ސުވާލު އުފެއްދުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތްކުރާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި އެޕާޓީއަކަށްޓަކައި ނުހަނު ބުރަ މަސައްކަތެއްކޮށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ޕާޓީ ކަމުގައިވާ ޕީޕީއެމްގެ ލީޑާޝިޕާއި އާންމު މެމްބަރުން އަޅުގަނޑާމެދު ދެކޭގޮތް ކިލަނބުކޮށްލުމަށް، ބަޔަކު ރާވައިގެން ކުރާ މަސައްކަތް ހަރުކަށިކޮށް ކުށްވެރިކުރަމެވެ،" ޝަރީފް ނެރުއްވި ބަޔާނުގައިވެއެވެ.
ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުންމަތީ ކުރިއަށްއޮތް ތަނުގައިވެސް ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.