އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ޕީއެންސީއާ މެދު އީސީން ޒާތީ ގޮތެއް ނުގެންގުޅޭނެ: އަބްދުއްރަހީމް

ޝަހީދާ އަބްދުﷲ ސައީދު

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ މެދު ޒާތީ ގޮތެއް ނުގެންގުޅޭނެ ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީ އުފައްދަން ހުށަހަޅާފައިވާއިރު މިހަފްތާތެރޭގައި ޕާޓީ އުފެއްދުމުގެ ހުއްދަ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެެ. އޭނާ ވިދާޅުވީ ޕާޓީ އުފެއްދުމުގެ ކަންކަމާ ގުޅޭ ގޮތުން އީސީގެ ރައީސް އަހުމަދު ޝަރީފުއާ އެކު އެއްމޭޒަކަށް ވަޑައިގެން މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން ޕާޓީ އުފައްދަން ހުރަހެއް ނެތް ކަމަށާއި މަޝްވަރާކޮށްގެން ހުރިހާ ކަމެއްވެސް ހައްލުވާނެ ކަމަށް ވިދާޅުވި ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި އެޕާޓީ އުފެއްދުމަށް ބޭނުންވާ ހަތަރު ހާސް މެންބަރުންގެ ސޮއި، އިލެކްޝަނަށް ހުށަހެޅިއިރު ފޯމުތަކުގައި މާބޮޑެތި މައްސަލަތަކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބައެއް ފޯމުތަކުގައި އިނގިލީގެ ނިޝާން ޖެހުމުގައި މައްސަލަ ހުރުމާއި އައިޑީކާޑުގެ ނަމްބަރު ދިމާނުވުން ކަހަލަ މައްސަލަތައް ހުރުމުން އެކަން ރަނގަޅު ކުރުމަށް ފޯމުތައް ހަވާލުކުރާނެ ކަމަށް އީސީން ބުނެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ޕީޕީއެމް ދަރަންޏާއެކު ދޫކޮށްލުމަށްފަހު އެހެން ޕާޓީއެއް ހެދުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ދަރަންޏާއެކު ޕާޓީ ދޫކުރުމަކީ މިހާރު ހިނގަމުންދާ ކަމެއް ނޫން ކަމަށެވެ.

އަދި އެއީ މާކުރިންސުރެ ހިނގަމުންދާ ކަމެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން، އަހުމަދު ތަސްމީނުއާ ޑީއާރުޕީ ހަވާލުކުރެއްވިއިރު 19 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އަދި ތަސްމީން ޕާޓީ ދޫކޮށްލި އިރު ވެސް ދަރަނި އޮތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ ޕީޕީއެމްގެ ދަރަނި އޮތީ ތިން މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިއަހަރުގެ ފައިސާއާއެކު ޖުމްލަ ވިހި މިލިއަނެއްހާ ރުފިޔާ ދޭން އެބައޮތް ކަމަށެވެ.

އެހެންކަމުން މިއުޅެނީ ދަރަނީގެ މައްސަލައެއް ނޫން ކަމަށާއި މިހާރު ދިމާވެގެން އުޅެނީ ޕާޓީއަށް ދޭން ޖެހޭ ފައިސާ ހިފެހެއްޓުމުގެ މައްސަލައެއް ކަމަށް ޑރ. ހަލީލު ވިދާޅުވިއެވެ.