ކުޅިވަރު

ވަރުގަދަ މެސެޖަކާއެކު ޔަމީ ނޫޑްލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ ފަށައިފި

ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ ޔަމީ ނޫޑްލްސް ލީޑު 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ކުޅުން އިއްޔެ ފަށައިފިއެވެ.

ލ. އަތޮޅަށް ހުޅުވާލައިގެން ލާމު ޔޫތު ޑެވަލޮޕްމަންޓް (ލީޑް) އިން އިންތިޒާމިކޮށްގެން ކުރިއަށްގެންދާ ފުޓްސަލް ފިއެސްޓާގެ ކުޅުން އިއްޔެ ހަވީރު ފަށާފައިވާއިރު، މުބާރާތް ޝަރަފުވެރި ކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރެލް އޭރިއާގެ ކޮމާންޑަރު ކާނަލް އިބްރާހީމް ހިލް މީއާއި ފޮނަދޫ ޕޮލިހުގެ އިންޗާޖު މުހައްމަދު ސަލީމެވެ.

މުބާރާތުގެ ބައިވެރިންނަށް ލީޑުގެ ފަރާތުން ކިޔާފައިވާ ހާއްސަ މަރުހަބާއަކާއެކު އިއްޔެ ވަނީ މުބާރަތުގެ ދެމެޗު ކުޅެފައެވެ. ދެ މެޗުގައިވެސް މުބާރާތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޮމިއުނިޓީ އަވެއާނެސް ޕްރޮގްރާމްގެ ދަށުން ހާއްސަ ފޮޓޯއެއް ނަގާފައިވެއެވެ. ބުލީ ކުރުމާއި ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ލީޑުން ނިންމާފައިވާއިރު، އެ ހަރަކާތް ހިނގަމުންދާނީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް" އެ ޝިޔާރުގެ ދަށުންނެވެ.

ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު މުބާރާތް ފަށާފައިވާއިރު، އިއްޔެ ފުރަތަމަ މެޗުގައި ވާދަކުރާ ލ. ގަމަށް ނިސްބަތްވާ ޑެޓްރޮއިޓްސް ޖޫނިއާސްއާއި ލ. މާވަށު އައިޑިއާއެވެ. އެ މެޗު 8-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިޑިއާއެވެ. އައިޑިއާއިން ވަރުގަދައަށް މުބަރާތް ފަށާފައިވާއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިޑިއާއަށް ދެ ގޯލް ޖަހައިދީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ހުސައިން ޝުހާދެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޑީކޭއެންޒީ އާއި އެފްސީ މަގުމައްޗެވެ. 3-1ގެ ނަތީޖާއަކުން ޑީކޭއެންޒީން މެޗު ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީކޭއެންޒެޑްޒީގެ ގޯލްކީޕަރު ހުސައިން ޝާއިލްއެވެ. އޭނާ ވަނީ މެޗުގައި މޮޅު ސޭވްތަކެއް ކޮށް، ތަފާތު ކުޅުމެއް ދައްކައިފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެމެޗު މިއަދުވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ލ. މާމެންދޫ ބެންޗާއި މަތިވަރު ޖޫނިއާސް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ވާދަކުރާނީ ހިތަދޫ އެސްސީއާއި ޑީބީ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސްއިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.