ޕީޕީއެމް

އޮޅުވާލި ވޯޓުގެ ނަމުގައި ޕީޕީއެމްގެ ސަޕޯޓަރުންތަކެއް މިރޭ މުޒާހަރާއަށް

1

އޮޅުވާލި ވޯޓުގެ ނަމުގައި ޕީޕީއެމްގެ ސަޕޯޓަރުންތަކެއް މިރޭ މާލޭގައި މުޒާހަރާ ކުރަން ނިންމައިފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކައިރިއަށް މިރޭ 9:00ގައި އެއްވުމަށް ޕީޕީއެމްގެ ސަޕޯޓަރުން ދަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަމަށާއި އެކަމަށް އިންސާފު ހޯދަންޖެހޭ ކަމަށް ޕީޕީއެމްގެ ސަޕޯޓަރުން މީސް މީޑިއާގައި އަންނަނީ ބުނަމުންނެވެ. ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ވެސް އަންނަނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ވެސް ތުހުމަތުތަކެއް ކުރަމުންނެވެ.

މިރޭ މުޒާހަރާއަށް ނުކުންނަނީ "އޮޅުވާލި ވޯޓަށް އިންސާފު ހޯދުމަށް" ގޮވާލުމަށް ކަމަށް ބުނެ ވައިބާ ގްރޫޕްތަކުގައި ޕީޕީއެމްގެ އެކްޓިވިސްޓުން އަންނަނީ މެސެޖުތަކެއް ދައުރުކުރަމުންނެވެ.

ޕީޕީއެމްގެ ނަމުގައި މިއަދު ވަނީ މޮބައިލް ފޯނުތަކަށް އިންތިޚާބާ ގުޅޭގޮތުން އެސްއެމްއެސް އެއްވެސް ފޮނުވާފައެވެ.

ޕީޕީއެމްގެ ނަމުގައި ފޮނުވި އެސްއެމްއެސް:

ވެދުން. އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށާއި އީސީ އިން ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ސޯޝަލް މީޑިއާގަ ދައުރުވަމުންދާ މައުލޫމާތުތަކުގެ ހަގީގަތް ބެލުމަށް ތިޔަބޭފުޅުންގެ ހައްގުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް މި ޕާޓީން ކުރަމުންދާ ކަމުގެ ޔަގީންކަން އަރުވަން.

ޝުކުރިއްޔާ، ޕީޕީއެމް.

މިދިޔަ ހޮނިހިރު ދުވަހު އިއުލާންކުރި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. ރަސްމީ ނަތީޖާ އާއި ދާއިމީ ނަތީޖާގެ މާބޮޑު ފަރަގެއް ނެތެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އިންތިާޚާބުގެ ނަތީޖާއަށް އަސަރުކުރާވަރުގެ އެއްވެސް ޝަކުވާއެއް ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހެޅިފައިނުވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟