ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން މައްސަލައިގައި އެ ތަނުގެ ހަ މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މީގެ ކުރިން ބުނީ، 2017 ވަނަ އަަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އެތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ. އެ މައްސަލަ ޖުލައި 2018 ގައި ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް، މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ބުންޏެވެ.
މި މައްސަލައިގައި ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފެނިވަޑައިގެން، އެ މައްސަލަ ތަހުގީގުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައިވަނީ 11 ނޮވެމްބަރު 2020 ގަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަަމަކޮށް ތުހުމަތު ކުރެވޭ ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ އުފުލައި ދިނުމަށް އެދި، މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހު ޕީޖީ އޮފީހަށް ހުށަހެޅި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އަންނަ އުމުރުން 18 އަހަރު ނުފުރޭ ކުދިންތަަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހަ މީހަކަށް ދައުވާ ކުރުމަށް މިމަހުގެ ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި މިހާތަނަށް ދައުވާ ހުށަހަޅާފައިވާ މީހުންނާއި އެ މައްސަލައިގައި ޝާމިލުވާ އިތުރު މީހުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައި ތަހުގީގުކުރުމުގެ މަސައްކަތް ތަހުގީގީ އިދާރާތަކުން ކުރަމުން ގެންދާ ކަމަށެވެ.
އެ މައްސަލަތައް ނިމި، އެ އޮފީހާށް ލިޔުންތައް ލިބުމުން ހެއްކާއި ގަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައި ވެސް ދައުވާކުރަން ޖެހޭ ކަމަށް ފެންނަ މީހުންގެ މައްޗަށް ދައުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.