ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ، މި މީހުންގެ ތެރެއިން އިރުފާން ތަގިއްޔު އަދި މުހައްމަދު ވިޝާމަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ތިބި ދެ މީހުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދެ މީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން ހިންގަމުންދިޔަ އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެގޮތުން ހަރަކާތްތެރި ވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖޭން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު އަށް ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އަދި އެތަކެތި ފުލުހުން ހޯދީ ކާރެއްގެ ޑިކީއަކުން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހު ފަރީދީމަގުގައި ފުލުހުން ހަރަކާތްތެރިވީ މި އޮޕަރޭޝަންގަ އެވެ. ފުލުހުން ކުރިން ބުނި ގޮތުގައި، އެ އޮޕަރޭޝަންގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދައިފަ އެވެ. ހަތަރު ދަބަހެއްގައި ހުރި އެތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.