މަސްވެރިން

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާ ދެނީ

ގއ. އެކަފަރުގެ އިރު އުތުރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރި، އަވަސް ފަރުވާއަށް ގއ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އެކަފަރުގެ އިރު އުތުރުން 1.5 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ގއ. މާމެންދޫ، "ކޯމަސް" ދޯނީގައި ހުރި 36 އަހަރުގެ ދިވެއްސެއްގެ ލޮލަށް ބުޅިއެއް ހެރިގެން މިއަދު މެންދުރު 11:30 ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މަސްވެރިންގެ ލޮލަށް ބުޅި ހެރުމުގެ ހާދިސާތައް މިފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.