އިލެކްޝަންސް ކޮމިޝަން

ވޯޓާ ގުޅޭގޮތުން ގާނޫނާ ޚިލާފު ކަމެއް ކުރި ކަމުގެ ތުހުމަތު ކުރެވޭ އޯޑިއޯތަކެއް!

މުހައްމަދު އައުޒަމް

2

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގާނޫނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯތަކެއް ލީކުވެއްޖެއެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކަމަށް ބެލެވޭ މީހަކާއި އެހެން މީހަކާ ދެމެދު ކޮށްފައިވާ ކަމަށް ބެލެވޭ ފޯން ކޯލްތަކެއްގެ ރެކޯޑިންއެވެ. އެ އޯޑިއޯތަކާ ގުޅޭގޮތުން އީސީގެ ރައީސް ޝަރީފްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ލީކްކޮށްލާފައި ވަނީ އެކިފަހަރު މަތިން ކޮށްފައިވާ ފޯން ކޯލްތަކެކެވެ. އެ އޯޑިއޯ އަޑުއަހާލުމުން ރިޔާސީ އިންތިޚާބުގައި ގާނޫނާ ޚިލާފު ކަމެއް ކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތެވެ. އެ ކޯލްތަކުގައި ޝަރީފް ކަމަށް ބެލެވޭ މީހާއާއި އެހެން މީހަކާ ދެމެދު ދެކެވިފައިވާ ވާހަކައިގައި، ކޮށްފައިވަނީ ކޮން ކަމެއްކަން ނުބުނެއެވެ. ނަމަވެސް ކަމެއް ކޮށްފައިވާކަން އެ ވާހަކަތަކުން ސާފުކޮށް އެނގެއެވެ.

ޝަރީފް ކަމަށް ބެލެވޭ މީހާ އެ ކޯލްގައި ވާހަކަދައްކާ މީހާ ކައިރީ ބުނަނީ އެމީހާ ފުލުސް އޮފީހަށް ގެންދިޔަޔަސް ކުރެވޭ ތުހުމަތަށް އިންކާރު ކުރުމަށެވެ. އަދި އޭގެކުރިން ޝަރީފް ކަމަށް ބެލެވޭ މީހާ ބުނަނީ ރައީސް ކޮންމެފަދަ ކަމަކަށް ވެސް މީހަކު ގުރުބާންކޮށްފާނެ ކަމަށެވެ. ފުލުސް އޮފީހުން ކުރާ ތުހުމަތަކަށް އިންކާރުކޮށްފިނަމަ އެ މައްސަލަ ސާބިތުނުކުރެވޭނެ ކަމަށް ވެސް ޝަރީފް ކަމަށް ބެލެވޭ މީހާ ބުނެއެވެ.

ޝަރީފް ކަމަށް ބެލެވޭ މީހާއާ ވާހަކަ ދައްކާ މީހާ އެ ކޯލްގައި ބުނަނީ އެ ކުރިކަމަކީ އެމީހާއާއި ޝަރީފްއާ ރާވައިގެން ކުރި ކަމެއް ކަމަށާއި ތިކަމުން ސަލާމަތް ނުވެވޭނެ ކަމަށް ޕީޕީއެމްގެ މީހަކު އޭނައަށް ގުޅައި އިންޒާރުދޭ ކަމަށެވެ. އަދި އެކުރި ކަމެއްގައި އަކުރަމު ކިޔާ މީހެއްގެ އަތެއްވެސް އޮންނަ ކަމަށް އެ އިންޒާރުދިން މީހާ ބުނާކަމަށް ވެސް އެ ކޯލްގައި ޝަރީފް ކަމަށް ބެލެވޭ މީހާ އާއި ވާހަަކަ ދެއްކި މީހާ ބުންޏެވެ.

  • ޝަރީފް ކަމަށް ބެލެވޭ މީހާ: ވަރަށް ސިމްޕަލް ވާހަކައެއް ބުނަން. ޔޫ ޖަސްޓް ޑިނައި އިޓް. އެއްގޮތަކަށް ވެސް ބިރުނުގަނޭ. އޭނާ އަހަރެން އަނެކެތި ކޮށްލައިފިން. ޔޫ ފުލީ ޑިނައި އިޓު.
  • ޝަރީފްކަމަށް ބެލެވޭ މީހާއާ ވާހަކަ ދެއްކި މީހާ: މި އެއްޗެހި ގެންގޮސް އެމީހުން ދީފައި އޮތީ ކޮންބައެއްގެ އަތަށް ކަން ނޭނގެންޏާ، އަހަރެމެންގެ އަތަށް ނުން މީތި ގޮވާނީ.
  • ޝަރީފް ކަމަށް ބެލެވޭ މީހާ: އެކަމާ ހާސްނުވޭ. މިހާރު ރައީސް މީހަކު ގުރުބާން ކޮށްފާނެ ކޮންމެ ފަދަ ކަމަކަށް ވެސް. އެހެންވީމާ ޔޫ ޓޯޓަލީ ޑިނައި ކުރޭ. ޑިނައި ކޮށްފިއްޔާ އެއްވެސް ހާލެއްގައި ޕޮލިސް ތެރޭގައި ސާބިތެއް ނުކުރެވޭނެ. އަނެއްކާ މިހާރު އެ އެއްޗެއްސެއް ނުވެސް ހުންނާނެ އެއްނުން. ޔޫގެ ފިންގާ ޕްރިންޓެއް ނުހޯދޭނެ އެއްނުން. މިސާލަކަށް އަހަރެން ދިންހޭ މިވެނި އެއްޗެއް ބުނެފިއްޔާ ބުނާތި އެއީ ދޮގެކޭ ޝަރީފް ނުދެއޭ އެއްވެސް އެއްޗެއް ތިމަންނަ އަތަކަށް. އެހެން ޓްރެޕް ކޮށްފާނެ، ހަނދާން ކުރައްޗޭ.
  • ޝަރީފްކަމަށް ބެލެވޭ މީހާއާ ވާހަކަ ދެއްކި މީހާ: މިއަދު މި ބުނި އެއްޗަކުން އަހަރެން ހާދަ ބިރު ގަނެފިއޭ.


ޝަރީފް ކަމަށް ބެލެވޭ މީހާއާ ވާހަކަ ދެއްކި މީހާ ވަނީ ރައީސް ޔާމީނަށް ލިބެން އޮތް ވޯޓުތަކެއް ބަދަލުކޮށްފައި ކަމަށް އިންޒާރުދިން މީހާ ބުނާ ކަމަށް އެ ރެކޯޑިންގައި އެމީހާ ކިޔައިދެއެވެ.

  • ޝަރީފް ކަމަށް ބެލެވޭ މީހާއާ ވާހަކަ ދެއްކި މީހާ: މިއަދު ގުޅި ގޮލާ ވެސް ބުނީ ކަލެއޭ ޝަރީފް ސަރއާ ގުޅިގެން ތި ސަކަރާތް ޖެހީ. ރައީސް ޔާމީންގެ ވޯޓުތަކެއް ކަލޭ ބަދަލުކޮށްފައެއް ނުންހޭ ތިހުރީ. ވާހަކަ ނުދައްކައްޗޯ. މީތި ޕޮލިސް ކޭހަކަށް ނަހަދާނެ އެއްގޮތެއް ވެސް ނޯންނާނެއޯ.
  • ޝަރީފް ކަމަށް ބެލެވޭ މީހާ: އެއްވެސް ކަމެއް ނުވާނެ. މީތި ލީކު ވެއްޖެއްޔާ، އެމްޑީޕީ ފަޅިން އަނެކަތި ވެއްޖެއްޔާ ޝަރީފް ސަރ ކޮންވިންސް ކޮށްދެއްޗޭ. މަ އޭގެ ތެރެއަށް އަނެކަތި ނުކުރާށޭ އޭގެ ތެރެއަށް. ފުރަތަމަ އަނެކަތި ކުރީމަ ނިމުނީ. ތިމަންނައަށް އެނގިގެން ވާނެ ކަމެއް ނޫނޭ.


ރިޔާސީ އިންތިޚާބަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަލި ގަބޫލުކުރި ނަމަވެސް، ޕީޕީއެމް އިން އަންނަނީ އިންތިޚާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަމުންނެވެ. އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރެއެވެ. ނަމަވެސް އިންތިޚާބުގެ ކުރިން އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ ވޯޓުލާ މަރުކަޒު ކައިރީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓުން ކަމަށެވެ. އަދި އެމީހުން އޮފިޝަލުންގެ ގޮތުގައި ހަމަޖެއްސީ ޕީޕީއެމް އިން އެ ކޮމިޝަނަށް ލިސްޓެއް ފޮނުވުމުން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟