ޓްރާންސްޕޭރެންސީ މޯލްޑިވްސް

މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

މާލީބަޔާން ހުށަހެޅުމުން އަދި ނުފުދޭ ކަމަށާއި މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ މާލީ ބަޔާން ހާމަކުރަން ފެށުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ.

ނަމަވެސް މާލީ ބަޔާން ހާމަކުރަންވާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށާއި ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުގެ ޓެކްސް އިދާރާތަކަށް ހުށަހަޅައިގެން ރަނގަޅު އޮޑިޓެއް ހެދުމަށްފަހު ބަޔާން އާންމުކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އައިމަން ވިދާޅުވިއެވެ.

އައިމަން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދައުލަތުގެ ތެރޭގައި ތިއްބެވި އެހެން ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންގެ މާލީ ބަޔާންތައް ހާމަކުރުމަކީވެސް މުހިންމު ކަމެއް ކަަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މާލީ ބަޔާން ހުށަހަޅާއިރު ބަޔާން ހުށަހަޅަނީ އަނބިންނާއި ފިރިންނާއި ދަރިންގެ އިތުރުން އާއިލާގެ ތަނަވަސްކަން ބެލުމަށްފަހު ކަމަށް ވެސް ވިދާޅުވިއެވެ. އަދި މާލީ ބަޔާން އާއްމުކުރާއިރު އާއިލާގެ ބޭފުޅުންނަށްވެސް ނުހައްގު މުއްސަނދިކަމެއް ލިބިފައި ނެތްކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް އައިމަން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން ދައުލަތުގެ ވަޒީރުންގެ މާލީ ބަޔާން އިއްޔެ ވަނީ އާންމުކޮށްފައެވެ. މާލީ ބަޔާން އާންމު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.