ޝަހީދާ އަބްދުﷲ ސައީދު
ސިޔާސީ ފިކުރަކަށް ނުބަލައި މިސަރުކާރުން ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.
މަންދު ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުން ސިޔާސީ ފިކުރަށް ނުބަލާނެ ކަމަށެވެ. އަދި އިގުތިސާދު ފުޅާކުރުމަށްޓަކައި ވިޔަފާރީގެ ފުރުސަތު ހުރިހާ ފަރާތަކަށް ވެސް ލިބިގެންދާނެ ކަމަށާއި ސިޔާސީ ބޭނުމަށް ވިޔަފާރިވެރީންނާއި ރައްޔިތުންނަށް މި ސަރުކާރުން އުނދަގޫ ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ ސަރުކާރާ ދެކޮޅު ފަރާތްތަކާ ވެސް ގުޅިގެން ރާއްޖޭގެ އިގުތިސޯދު ވަރުގަދަކުރުމަށް ކަމަށެވެ.
އަދި ސަރުކާރުން ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި ޕްރައިވެޓް ކުންފުނިތަކުގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެން ދާނީ ގައުމު އިގުތިސޯދު ފުޅާވެ ވަރުގަދަވެގެން ކަމަށެވެ.