ސިޔާސީ

ރައީސް ސޯލިހުގެ ބިޒީ ޝެޑިއުލުން އެއްދުވަސް ރީކޯ މޫސަގެ ރަހާ ރިސޯޓުގައި، މޫސަ އަލުން އެމްޑީޕީއަށް؟

11

ރައީސް ސޯލިހު އެންމެ ފަހުން ލ. އަތޮޅަށް ކުރެވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެމަނިކުފާނު މާލެ އަށް ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ ދަތުރުފުޅުގެ ރަސްމީ މަސައްކަތްޕުޅުތައް ނިންމަވައިލެއްވުމަށްފަހު އެމަނިކުފާނު ވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ލ. އަތޮޅުގައި އޮންނަ ރީކޯ މޫސާ މަނިކުގެ ރަހާ ރިސޯޓަށް ވަޑައިގެންފަ އެވެ. އެ ރެޔާއި ޖެހިގެން އައި ހުކުރު ދުވަހުވެސް ރައީސް ސޯލިހު ހުންނެވީ އެ ރިސޯޓުގަ އެވެ. އެރަށުން އެމަނިކުފާނު ފުރާވަޑައިގެންނެވީ ހުކުރުދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ގާތްގަނޑަކަށް އެއްދުވަސް މޫސަގެ ރިސޯޓުގައި ރައީސް ހޭދަކުރެއްވި އިރު މިއީ ސިޔާސީ ވިސްނުމަކުން ވިސްނައި ނުލައި ދޫކޮށްލާ ވަރުގެ ދަތުރުފުޅެއް ނޫނެވެ.

ރައީސް ސޯލިހު މޫސަގެ ރިސޯޓަށް ވަޑައިގެންނެވީ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ދޫކޮށްލައްވައި، ވަކީންނެވެ. ރަހާ ރިސޯޓަށްވުރެ ހުރިހާ ގޮތަކުން ވެސް މާ ފެންވަރު މަތީ ރިސޯޓެއް ކަމަށްވާ ސިކްސް ސެންސެސް ލާމް ވެސް އެ އަތޮޅުގައި އޮށްވައި، މޫސަގެ ރިސޯޓަށް ރައީސް ވަޑައިގަތުން ގިނަ ގޮތްގޮތުން ޚާއްސަ ވެއެވެ. އަދި އެ މަނިކުފާނުގެ މި ރަށުގައި މަޑުކޮށްލެއްވި ރެޔަކީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެރަށަށް މާކުރީން ވަޑައިގެން ހުންނެވި ވަގުތަކަށް ވުމާއި ރަށުގެ އޯނަރު، މޫސަވެސް ރަށުގައި ހުންނެވި ދަނޑިވަޅަކަށް ވުމަކީ ވެސް ކުޑަ އިއްތިފާގަކަށް ނުވާނެ އެވެ.

މި ކަންކަމަށް ވިސްނައިލުމުން އެނގޭ ބޮޑު ހަގީގަތަކީ މި ދަތުރުފުޅަކީ ރައީސް ސޯލިހު މޫސައާ ބައްދަލުކޮށްލައްވަން، ނުވަތަ މޫސައާ މަޝްވަރާތަކެއް ކުރައްވަން ވަޑައިގެންނެވި ވަޑައިގަތުމެއް ކަމެވެ. މި ދަތުރުފުޅާ ގުޅޭ ގޮތުން މޫސަ ދެއްވި ކުރު ޖަވާބުން ތިލަވި މިންވަރަށްވުރެ ދުރަށް މީގެ މިސްރާބު ހުރުމަކީ އެކަށީގެން ނުވާ ކަމެއް ނޫނެވެ.

"އަޅުގަނޑު ވަރަށް ކުރީއްސުރެވެސް ރައީސަށް ދައުވަތު އަރުވައިގެން އަބަދުވެސް ދަންނަވަ ދަންނަވަ މިހުންނަނީ މި ރަށަށް ވަޑައިގެންދެއްވުމަށް. ދެން އަބަދުވެސް ވިދާޅުވަމުން ގެންދެވީ ވަގުތެއް ވީމަ ވަޑައިގެންދެއްވާނެ ކަމަށް. ޒަމާންވީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ވަޑައިގެންނެވީ. މިވަރު ބޮޑު މަސައްކަތެއް ކުރެވުނީމަ ރައީސް ވަޑައިގަތުން އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް، ފަޚުރެއް." މޫސަ ވިދާޅުވެދެއްވީ މިވަރަށެވެ. އެއީ ސިޔާސީ ބޭފުޅެއްވީމާ އެކަން ކުރައްވާނެ ގޮތްވެސްމެ އެވެ. އެކަންވެސް ގަބޫލުކުރާން ޖެހެ އެވެ.

އެކަމަކު މި ދަތުރުފުޅުގެ ވަށައިގެން ދެން ހުރި ކަންކަމަށް ބަލާއިރު މިއީ ސިޔާސީ ގޮތުން އާ މިސްރާބަކަށް ދިއުމުގެ ފެށުމެއް ކަމަށް ވެދާނެތޯ މިއީ ވެސް ސުވާލެކެވެ.

އެތެރެ ކޮއިލުން ބޭރުވާ ވާހަކަތަކުން އެނގޭ ގޮތުގައި، ރައީސް ސޯލިހުވެސް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަންކަން ގިނަ އެވެ. ރައީސް ނަޝީދާއި ސަރުކާރާ ދެމެދު ދޭތެރެ ދޭތެރެއިން ރޯވެ އަނދާ ހުޅުގަނޑުގެ ސަބަބުން ސަރުކާރު ހިންގުމުގެ ކަންކަން އެއްވާނެއްގައި، ރައީސް ސޯލިހު ބޭނުންފުޅުވާ ގޮތަށް ނުގެންދެވޭތީ އެކަމުގެ ހިތްޕުޅުހަމަޖެހިވަޑައިނުގަތުން ކުޑައެެއް ނޫނެވެ. މި ފަހަކަށް އައިސް ރައީސް ސޯލިހު މީޑިއާގައި ދައްކަވާފައި ހުރި ވާހަކަފުޅުތަކުން އެކަން ސާފުކޮށް އެނގެއެވެ. ރައީސް ސޯލިހާއި މަޖިލިސް ރައީސް އަދި ޕާޓީގެ ރައީސް، މުހައްމަދު ނަޝީދާ ދެމެދު ކަންކަން ބަރާބަރޭ، އޯކޭއޭ ބުނެ ނިންމައިލަން އެއްބަޔަކު އުޅުނަސް، އެކަން ގަބޫލުކުރާ މީހަކު ނެތެވެ. މިދިޔަ ދެ އަހަރުގެ މަންޒަރުތަކަށް ބަލައި ނިންމަން ޖެހެނީ އެ ދެމެދުގައި ކަންކަން ރަނގަޅު ނޫން ކަމަށެވެ. ކަމެއް ނިންމޭނީ ބުނާ އެއްޗަކަށްވުރެ ބޮޑަށް އަމަލީ ގޮތުން ފެންނަ ކަންކަމަށް ބަލައިގެންނެވެ.

ދެން އޮތީ ސަރުކާރު ހިންގުމުގައި ހުރި މައްސަލަތެކެވެ. ރައީސް ބޭނުންފުޅުވާ ސްޕީޑުގައި، އެމަނިކުފާނުގެ ލަފާފުޅާ އެއްގޮތަށް ކަންކަން ހިންގުމުގައި ވެސް އެންމެ ރަނގަޅަށް ކަންކަން ނުދާތީ، އެ ހިތްޕުޅުހަމަޖެހިވަޑައިނުގަތުން ވެސް ރައީސްގެ އެބަ އޮތް ކަމަށް ސިޔާސީ މަސްދަރުތައް ބުނެއެވެ. ކޯލިޝަން ކޮނޑުފުޅަށް ލައްވައިގެން ކުރިޔަށް ވަޑައިގަންނަވާން ހިތްވަރުފުޅުކުރައްވާއިރު، އެ ހުންނަ އުނދަގޫތަކާއި އެނޫން ވެސް ކަންކަން ހުންނަ ގޮތުން ތަކުލީފު ބޮޑު، އުނދަގޫފުޅު މަރުހަލާތައް ގިނަކަމަށް އެފަދަ މަސްދަރުތައް ބުނެ އެވެ.

ނަމުގައި އެކައްޗަކަށް އޮތް، ކަމުގައި ސާފުކޮށް ދެފަޅިވެފައި އޮތް އެމްޑީޕީގެ މަތިފަޑި ރަނގަޅަށް ފެޅިގެންދާނެ ހާލަތެއް މާ ދުރުނޫން މުސްތަގުބަލެއްގައި އައުމަކީ ގާތުގައި އޮތް ކަމެއް ކަމަށް ގިނަބަޔަކު ބުނާއިރު އެފަދަ ހާލަތަކަށް ދެފަޅީންވެސް ތައްޔާރުވާނެކަމާ މެދު ޝައްކެއް ނެތެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެބޭފުޅުންގެ ޚިޔާލު ދެފަޅިވެ، ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން އެއްބަޔަކު އަނެއް ބައެއްގެ މަސް އޯޕަން ފޯރަމްތަކުގައި ކަމުންދާތަން މިހާރުވެސް ދަނީ ފެންނަމުންނެވެ. އެހަކަމުން ކޮންމެ ހާލަތަކަށްވެސް ތައްޔާރަށް ތިބުމަށްޓަކައި، ދެ ފަރާތުންވެސް ވަރުގަދަ ފަހުލަވާނުން ހޯދުމުގެ މސައްކަތްކުރާނެ ކަމާމެދު ޝައްކު ނުކުރެވެނީ މި ސަބަބުތަކަށްޓަކައެވެ.

މި ފަދަ ހަތިޔާރަކަށް، ފަހުލަވާނަކަށް ރައީސް ސޯލިހުގެ ވިސްނުންފުޅު ހުރެއްޖެ ނަމަ، ރީކޯ މޫސަ އެއީ އެކަމަށް އެންމެ އެކަށީގެންވާ އެކަކު ކަމަށް ނުވާންވީ ސަބަބެއް ނެތެވެ. އެ ދެބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހުގައި 15 އަހަރު ވާންދެން އެކީގައި މަސައްކަތް ކުރައްވައިފައެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ގެނައުމުގައި ޕާޓީގެ އެންމެ އިސް ސަފުގައި އެ ދެބޭފުޅުން މަސައްކަތް ކުރެއްވި އެވެ. މޫސައަކީ އޭރު އެމްޑީޕީގެ ޕީޖީ ލީޑަރެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ޕާޓީގެ ޗެއާޕާސަން އަކީ ނަޝީދެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޗެއާކަން ދެއްވީ މޫސަ އަށެވެ. 2009 އިން 2013 އަށް އެމްޑީޕީގެ ޗެއާޕާސަން އަކީ މޫސަ އެވެ. އޭނާ ޕާޓީން ވަކިވެޑައިގެންނެވީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވައި، އޭގެ ފަހުން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2014 ވަނަ އަހަރު އެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގައި މޫސަ ހުންނެވި އިރު ޕާޓީގެ ޕީޖީ ލީޑަރަކީ މިހާރުގެ ރައީސް އިބޫ އެވެ. އެހެން ކަމުން ރައީސް ނަޝީދަށް ވެސް އަދި ރައީސް ސޯލިހަށް ވެސް މޫސަ އަކީ މުހިންމުވާނެ ބޭފުޅެއް ކަމާމެދު ޝައްކު އުފައްދާނެ ޖާގައެއް ނެތެވެ.

އެހެން ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ކަންކަން ވަމުން އަންނަ ގޮތަށް ބަލާއިރު، މޫސަ ކުރީން ވަނީ މަޖިލީހުން ނިންމާ ބައެއް ނިންމުންތަކާއި މަޖިލިސް ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ސޯޝަލް މީޑިއާގައި ފާޅުކަންބޮޑުގޮތެއްގައި ފާޑުވިދާޅުވެފަ އެވެ. މި ވަގުތު ސިޔާސީ މައިދާނުން ދުރުގައި ހުންނެވި ނަމަވެސް، ދޭތެރެ ދޭތެރެއިން ސޯޝިއަލް މީޑިއާއަށް ދޫކޮށްލައްވާ ބަހުގެ ހަމަލާތަކަށް ބަލާއިރު މޫސަ ހުންނެވީ ރައީސް ސޯލިހަށް ތާއީދުކުރެއްވުންމަތީގައި ކަން ސާފުވެ އެވެ.

ކޮންމެއަކަސް ރައީސް ސޯލިހުގެ ރަހާ ރިސޯޓު ދަތުރުފުޅުން ލިބޭ މެސެޖުތައް ގިނަ އެވެ. މޫސަ އެވިދާޅުވާ ޒަމާންވީ ރަހުމަތްތެރިޔާގެ ބިޒީ ޝެޑިޔުލުން އެއް ދުވަސް ހުސްކުރައްވައި ރަހާއަށް ވަޑައިގަތީ އެރަށް ބައްލަވައިލައްވަން އެކަނި ކަމަށް ވެދާނެ ބާވައެވެ؟ ނުވަތަ މިއީ ރިޔާސީ އާ ދައުރުގެ ބޭނުމަށް ދޮންކުރަމުން އަންނަ ވަރުގަދަ ހަތިޔާރެއްގެ ތައްޔާރީއަށް ޓަކައި ކުރެއްވި ދަތުރުފުޅެއް ބާވައެވެ؟ މޫސަ އަނެއްކާވެސް ސިޔާސީ މައިދާނަށް ވަޑައިގަންނަވަނީ ބާވައެވެ؟