ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ރައީސް ޓްރަމްޕުގެ ވަކީލު އެއްވަނަ ދަރަޖައިގެ ޖޯކަރަކަށް

އިމާދު ލަތީފު

އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު މީޑިޔާގެ ސަމާލުކަން އެންމެ ބޮޑަށް އަމާޒުވެފައިވާ އެއްބޭފުޅަކީ ރައީސް ޓްރަމްޕުގެ ގާނޫނީ ވަކީލު ރޫޑީ ޖިއުލިއާނީއެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައީސް ޓްރަމްޕު މިހާރު އެދައްކަވާ ޗަރުކޭހުގެ މޭސްތިރިޔަކީ ޖިއުލިއާނީއެވެ. އިންތިޚާބުގެ ނަތީޖާ މަކަރާއި ހީލަތުން އޮޅުވާލައި އިންތިޚާބުވެސް ވަގަށް ނަގައިފިކަމަށް ރައީސް ޓްރަމްޕާއި އޭނާގެ ޓީމުން ދައްކާ ވާހަކަތަކުގެ ސްކްރިޕްޓަކީ ޖިއުލިއާނީގެ އަމިއްލަފުޅު ޚިޔާލީ ސްކްރިޕްޓެކެވެ. މިވަރުގެ ބޮޑު ތަމްސީލެއް ލިޔުއްވައި ތަރުތީބުކުރެއްވި ރޫޑީ ޖިއުލިއާނީއަކީ ކާކުތޯއެވެ.

އުމުރުފުޅުން މިހާރު 77 އަހަރު ވެފައިވާ ޖިއުލިއާނީއަކީ މިފަހުގެ ތާރީޚުގައި އެމެރިކާއިން ފެނިފައިވާ އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު ލޯޔަރެވެ. އޭނާގެ މަގްބޫލުކަން އެއްދުވަސްވަރެއްގައި ބޮޑުކަމުން އެމެރިކާގެ ރައީސްކަންވެސް ކުރައްވާނޭ ކަމަށް ހީކުރެވުނެވެ. ޖިއުލިއާނީގެ ނަސީބުގެ ތަރި އެންމެ އުހަށް އުފުލުނީ އެމެެރިކާގެ ނިއުޔޯކުގައި ހުންނަ އުސް އިމާރާތަކަށް އަލްގާއިދާ ޖަމާއަތުން ހަމަލަދިން ދުވަސްވަރުއެވެ. އޭރު ޖިއުލިއާނީއަކީ ނިއުޔޯކް ސިޓީގެ މޭޔަރެވެ. އެ މަޝްހޫރުކަމުގެ އަލީގައި 2008 ގެ ރިޔާސީ ޕްރައިމަރީގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯއްދެވުމަށްވެސް ޖިއުލިއާނީ މަސައްކަތް ކުރެއްވިއެވެ. އެކަމަކު ޕާޓީގެ ޓިކެޓް އެންމެ ފަހުން ކާމިޔާބު ކުރެއްވީ ޖޯން މެކޭންއެވެ.

ޖިއުލިއާނީ ނިސްބަތްވަނީ ނިއުޔޯކުގެ އިޓަލީ އާއިލާއަކަށެވެ. ގާނޫނީ ދާއިރާގައި ވަރަށް ނަންހުރި ޝަޚުސިއްޔަތަކަށްވެގެން އެދާއިރާގެ ތަފާތު މަގާމުތައް ނިއުޔޯކުގައި އޭނާ އަދާކުރެއްވިއެވެ. އެކަމަކު މުޅި އެމެރިކާ ދަންނަ ގައުމީ ޝަޚުސިއްޔަތަކަށްވީ ޓުވިން ޓަވަރުގެ ހާދިސާޔާ ގުޅިގެންނެވެ. އޭރުގެ ޖިއުލިއާނީއަކީ މިހާރު މިފެންނަ ޖިއުލިއާނީއާ ވަރަށް ތަފާތު ބޭފުޅެކެވެ. ޖިއުލިއާނީގެ ވިދާޅުވުންތަކުގައި އޭރު އޮށްޓަރު ހުރެއެވެ. އިތުބާރު ހުރެއެވެ. އެކަމަކު މިހާރު އެއީ ބޮޑު ޖޯކެކެވެ. ޕްރެސް ކޮންފަރެންސްތަކުގައި މިހާރު ފެންނަނީ ޖިއުލިއާނީގެ ކޯތާފަތުން ބޯކަޅުކުރާ ބޭސް ދިޔާވެގެން އޮހޮރޭ މަންޒަރެވެ. ކޯޓަކަށް ވަޑަަގެންފިއްޔާ އިވެނީ ހަޖަމުގޯސްވެގެން ވައިބޭރުވާ އަޑެވެ.

ރައީސް ޓްރަމްޕުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ފާއިތުވި ދެއަހަރެއްހައި ދުވަހު ޖިއުލިއާނީގެ ފަރާތުން ފެނިފައިވަނީ ކުރިން އޭނާގެ ފަރާތުން ފެނިފައިނުވާ ކަންކަމެވެ. ކުރީގައި ޖިއުލިއާނީގެ އެހީ ހޯދުމަށް އެދޭ މަހުޖަނުން ގިނައެވެ. އޭނާގެ ފީވެސް ވަރަށް ބޮޑެވެ. އެއްރަށުން އަނެއްރަށަށް ގެންދަން ޕްރައިވެޓް ޖެޓުތައްވެސް އާދެއެވެ. އެކަމަކު އެއީ މާޟީއެވެ. ރައީސް ޓްރަމްޕުގެ ސަބަބުން ޖިއުލިއާނީގެ ވަކީލުކަމުގެ ކެރިއަރު މިހާރު ވަނީ ގާތްގަނޑަކަށް ބަރުބާދުވެފައެވެ. ޖިއުލިއާނީގެ ނަން އިވުނަސް މީހުން ކުރަނީ މަލާމާތެވެ. އަންނަނީ ހިންޏެވެ.

ޑޮނަލްޑް ޓްރަމްޕަށް ވައިޓްހައުސް ކާމިޔާބުކޮށްދިނުމުގެ ކެމްޕޭނުގައި ރޫޑީ ޖިއުލިއާނީ ވަނީ 2016 ވަނަ އަހަރު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައެވެ. ޖިއުލިއާނީ ބޭނުންފުޅުވީ ޓްރަމްޕުގެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަމެވެ. އެމަގާމު ހޯއްދެވުމަށް ވަރަށް ބޮޑަށް ލޮބީކުރެއްވިއެވެ. ޚާރިޖީ ވަޒީރުކަމަކީ އަބަދުވެސް ޖިއުލިއާނީގެ ހުވަފެނެކެވެ. އެކަމަކު ޖިއުލިއާނީގެ މި ހުވަފެން ހަގީގަތަކަށެއް ނުވިއެވެ. ޚާރިޖީ ވަޒީރުކަން އޭނާއަށް ދެއްވަން ޓްރަމްޕު ބޭނުންފުޅެއް ނުވިއެވެ. މިކަމުގެ ސަބަބުން 2017 ވަނަ އަހަރުގެ ތެރޭގައި ޓްރަމްޕާއި ޖިއުލިއާނީގެ ގުޅުން ހީނަރުވެފައިވެސް އޮތެވެ.

ޖިއުލިއާނީއަށް ޚާރިޖީ ވަޒީރުކަން ނުދެއްވިއަސް ނުފޫޒު އެކުލެވޭ މަގާމެއް ރައީސް ޓްރަމްޕު ދެއްވިއެވެ. އެއީ މުޝީރުކަމެވެ. ޚާރިޖީ ދާއިރާވެސް ޝާމިލްވާގޮތުންވެ. މިއީ ތަޖުރިބާކާރުން ގަބޫލުކުރާގޮތުން ޓްރަމްޕު ހެއްދެވި ވަރަށް ބޮޑު ގޯހެކެވެ. ޔުކްރޭނަށް އެމެރިކާއިންދޭ އެހީ ކަނޑާލައި ޓްރަމްޕް ބޭނުންފުޅުވާ ބައެއް ކަންކަން ކުރުމަށް ޔުކްރޭނަށް މަޖްބޫރު ކުރެވުނީ ޖިއުލިއާނީގެ ލަފަޔަށެވެ. މިކަމާ ގުޅިގެން އެމެރިކާގައި ބޮޑު ތަހުގީގެއް ކުރިޔަށްގޮސް ރައީސް ޓްރަމްޕަށް މަގާމުގައި ދެމިހުންނެވުނީވެސް ހަމަކިރިޔާއެވެ.

ވަރަށް ގިނަ މީހުން ގަބޫލުކުރާގޮތުގައި ރައީސް ޓްރަމްޕަށް ބަސްދަންނަވައި ލަފާއެރުވޭ ހިސާބެއްގައި ހުންނެވޭ ހުންނެވުމުގެ ނާޖާއިޒު ފައިދާ ޖިއުލިއާނީ ވަނީ ވަރަށް މަތީދަރަޖައަކަށް ނަންގަވައިފައެވެ. އޭގެ ތެރޭގައި އެކި ގައުމުތަކާއި އެކި ކުންފުނިތަކުން ބޭނުންވާ ގޮތަށް ސިޔާސަތު ބައްޓަންކުރަން ރިޝްވަތު ހޯއްދެވުންވެސް ހިމެނެއެވެ. މިއީ ޓްރަމްޕަށް ބައެއް އެޅޭގޮތަށް ވަރަށް ފާޅުގައި ވަރަށް ފުޅާކޮށް ޖިއުލިއާނީ ކުރެއްވި ކަމެއްކަމަށްވެސް ބައެއް މީހުން ބުނެއެވެ. މިއީ ހަގީގަތެއްކަމަށް ވަންޏާ ޓްރަމްޕުގެ ރިޔާސީ ދައުރު ނިމުނީމާ މިކަންކަމުގެ ތަހުގީގުތައް ފެށޭނެއެވެ. ޖަލުހުކުމެއް އަތުވެދާނެއެވެ.

ރައީސް ޓްރަމްޕަށް ރިޔާސަތުގެ ދެވަނަ ދައުރެއް ނުދީ ޖޯ ބައިޑަންއަށް އެމެރިކާގެ ރައްޔިތުން ވޯޓުދިނީމާ އެކަން ގަބޫލު ނުކުރެވިގެން ކޯޓުތައް މެދުވެރިކޮށް އަނެއް އަތަށް ނަތީޖާ ފުރޮޅައިލެވޭތޯ މިވަރަކުން ޓްރަމްޕާއި ޖިއުލިއާނީ މަސައްކަތް ކުރައްވާ ހަގީގީ ސަބަބަކީ ބިތުފަންގި ނެގިޔަ ނުދިނުން ކަމަށް ވެދާނެއެވެ. ކޮންމެއަކަސް ޓްރަމްޕުގެ ޓީމުން ކޯޓުތަކަށް ވައްދައިގެން އުޅޭ މައްސަލަތަކުގެ މުގުލުގައި ހުންނެވީ ޖިއުލިއާނީއެވެ. ހެކިން ހޯއްދަވަނީވެސް ޖިއުލިއާނީއެވެ. ހެކިވެރިއަކު ކޯޓަށް ހާޒިރުކޮށްފިއްޔާ އިތުރަށް ބޭޒާރުވުން ނޫންކަމެއް ނުވެއެވެ. ކޮންމެއަކަސް ކޯޓުގައި ވައިބޭރުވަނީއެވެ. ބޯކަޅުކުރާ ބޭހަށްވެސް އޮބިނޯންނަވަރަށް ހޫނުވެގެން ދިޔާވެގެން ފައިބަނީއެވެ.