ޖުމްހޫރީ ޕާޓީ

ޖޭޕީން ވާދަކުރާނީ ކިތައް ދާއިރާއަށްކަން އަދި ނިންމާފައެއް ނެތް: ޖޭޕީ

ޝަހީދާ އަބްދުﷲ ސައީދު

ޖުމްހޫރީ ޕާޓީން ވާދަކުރާނީ ކިތައް ދާއިރާއަށްކަން އަދި ނިންމާފައި ނުވާނެ ކަމަށް އެޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އަލީ ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާނީ 22 ދާއިރާއަކަށް ކަމަށް، ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވުމާ ގުޅިގެންނެވެ.

އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ 125 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުން މިއަދާ ހަމައަށްވެސް ބަދަލުކޮށްފައި ނުވާނެ ކަމަށެވެ.

އަދި އެޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން އެދޭ ފަރާތްތަކުން އެޕާޓީއަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެމުއްދަތު ހަމަވާނީ މިމަހުގެ 25 ގެ ނިޔަލަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ޖޭޕީން އަދި އެއްވެސް ދާއިރާއަކަށް ވާދަކުރުމަށް ވެސް އަދި ނުކުރުމަށްވެސް ކަނޑައަޅާފައި ނުވާނެ ކަމަށާއި އަދި ވާދަކުރާނެ ދާއިރާތަކުގެ އަދަދުވެސް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.

އަދި ދާއިރާތަކަށް މީހުން ކަނޑައަޅާނެ ގޮތް ވެސް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ މިނިސްޓަރު މަލީހުގެ ވިސްނުންފުޅަކީ ވެސް އަދި ޖޭޕީގެ ވިސްނުމަކީ ވެސް އެކުގައި މަސައްކަތް ކުރުން ކަމަށާއި އެހެންކަމުން މިނިސްޓަރު އިޝާރާތްކުރެއްވީ ކޯލިޝަންގެ އެއްބަސްވުމުގައިވާ 22 ދާއިރާ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.