މާލޭ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތައް މާލޭ ސިޓީ ކައުންސިލުން ނަގަން ފަށައިފި އެވެ.
ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ ޕެލެޓުތައް ނެގުމުގެ މަސައްކަތް ފެށީ މިއަދު ކަމަށާއި މިހާތަނަށް ހަ ލޮރީގެ ޕެލެޓު ނަގާފައިވާކަމަށެވެ. ގަވައިދާ ހިލާފަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކޮންމެ ހޮނިހިރު ދުވަހަކު ކުރަމުންދާނެ ކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.
އާންމުންނަށް އުނދަގޫވާ ގޮތަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަ ޕެލެޓުތައް ނަގަން ފަށާފައި މިވަނީ ދާދިފަހުން މަގުމަތީގައި ތުއްތު ދަރިފުޅު ގޮވައިގެން ހިނގާފައި ދިޔަ އަންހެނެއްގެ ފައި ޕެލެޓެރޭގައި ތާށިވެ އޮޕަރޭޝަންކުރަން ޖެހިފައި ވަނިކޮށެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އުމުރުން 69 އަހަރުގެ އަންހެނެއްގެ ފައިވެސް ޕެލެޓުތެރޭގައި ތާށިވެ އޭނާ ވެއްޓުމުގެ ސަބަބުން ކޮނޑުކަށިގަނޑު ވަނީ ބިނދިފައެވެ. އޭނާ އަދިވެސް އޮތީ ލަންކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.