ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ރައީސް ޔާމީންގެ ވަކީލަކަށް ދިޔާނާ ހަމަޖައްސައިފިން: ޖާބިރު

އިބްރާހިމް ޒަކީ

މަނިލޯންޑަރިންގެ މައްސަލައިގައި މިހާރުވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ގާނޫނީ ވަކީލަކަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ އަނބި ކަނބަލުން ފާތުމަތު ދިޔާނާ ސައިދު ހަމަޖައްސަވައިފި ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު މިހެން ވިދާޅުވީ ނިޒާމީ މައްސަލައެއް ނަންގަވައިގެންނެވެ.

ނިޒާމީ މައްސަލަ ނަންގަވައި ޖާބިރު ވިދާޅުވީ، "ރައީސް ޔާމީންގެ ވަކީލަކަށް އަޅުގަނޑުގެ އަންހެނުން ފާތުމަތު ދިޔާނާ ސައީދު ހަމަޖައްސައިފިން،" ކަމަށެެވެ.

މަނީލޯންޑަރިންގެ ދައުވާގެ އިތުރުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ބެހޭ އިތުރު ދައުވާތަކެއްވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައެވެ.

އެގޮތުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހަށް ކުރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ.

ނަމަވެސް އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ދިރާސާ ކުރުމަށް ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމަށް އެމަނިކުފާނުގެ ވަކީލުންނަށް ފުރުސަތު ދިނުމަށާއި ލިޔެކިޔުންތައް ހޯދުމަށް ފުރުސަތު ދިނުމަށްފަހު އެދުވަހުގެ އަޑުއެހުން ވަނީ ނިންމާލައިފައެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ގޮތުގައި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދުވެސް ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ.