ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު ވަނީ ކުށްވެރީންގެ ގޮތުގައި ތިބި އެންމެން ދޫކޮށްލުމަށް ގޮވައިލައްވައިފަ އެވެ.
ޚަލީލު ވިދާޅުވީ ޖަލު ތަކުގައި ތިބި ކޮންމެ ކުށްވެރިޔަކީ ވެސް އާއިލާއެއް އޮތް މީހެއް ކަމަށާއި އެ އެންމެން ވެސް އާއިލާއާ އެކު އުޅެން ބޭނުންވާނޭ ކަމަށެވެ.
ރަނގަޅު ވާހަކަ އެކެވެ. ކޮންމެ މީހަކު ވެސް އާއިލާ އާ އެކު ދިރިއުޅެން ބޭނުންވާނެ އެވެ. ޖަލުގެ ކުޑަ ގޮޅީގައި އެކަހެރިކޮށް އޮންނަން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. މިކަން ގަބޫލު ނުކުރާ އެއްވެސް މީހަކު ނޫޅޭނެ އެވެ. މިކަން ނޭނގޭ މީހަކު ވެސް ނޫޅޭނެ އެވެ.
އެކަމަކު ސުވާލަކީ ހުރިހާ ކުށްވެރީން ދޫކޮށްލަން ގޮވާލައި ޚަލީލު އެވިދާޅުވީ ކިހާ ވަރެއްގެ އިޚުލާސްތެރި ވާހަކަފުޅެއްތޯ އެވެ؟ އެއީ ހަގީގަތުގައި ވެސް މާނަކޮށްފައި ވިދާޅުވީ ވާހަކަފުޅެއްތޯ އެވެ؟ ނޫނީ ޖެއްސުމަކަށް ނޫނީ ޖޯކަކަށް ވިދާޅުވި ވާހަކަފުޅެއްތޯ އެވެ؟
ޕީޕީއެމްގެ މި ވާހަކަތައް ތިލަވަގެން މި އައީ ސިޔާސީ ހައްޔަރީންގެ ގޮތުގައި ބެލެވިފައި ތިބި ގިނަ ބަޔަކު ދޫކޮށްލުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް، ރައީސް މައުމޫނާއި ދަރިކަލުން ފާރިޝް މައުމޫނާއި ގާސިމް އިބްރާހީމް ހިމެނެ އެވެ.
މި ބޭބޭފުޅުންގެ މައްޗަށް ހިންގި ޝަރީއަތްތަކަކީ އެވިދާޅުވާ ދެން ތިބި ހުރިހާ ކުށްވެރިންނާ އެއް ގޮތަކަށް ޝަރީއަތުގެ ހުރިހާ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން އިންސާފުވެރި ކަމާ އެކު ހިންގައި ހުކުމް އިއްވި ޝަރީއަތްތަކެއްތޯ އެއީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. އެ ޝަރީއަތްތައް ހިންގި ގޮތުން އޭގައި އިންސާފުވެރިކަން އެކުލެވިފައި ނެތް ކަމަށް އެތައް ބަޔަކު ދިޔައީ ފެށުނީއްސުރެ ވެސް އަޑު އުފުލަމުންނެވެ.
ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އިދިކޮޅަށް އަރާ ފަރާތްތަކަށް ޖަލުގެ ކުޑަގޮޅީން ޖާގަ ލިބުމަކީ އެހެން ގައުމު ތަކުގައި ވެސް އާ ކަމެއް ނޫނެވެ. އެފަދަ ފަރާތްތައް ވެގެން ދަނީ ސިޔާސީ ހައްޔަރީންނަށެވެ. ހޮވޭ ސަރުކާރެއްްގެ ގޮތުން އެ ފަރާތްތައް އަލުން މިނިވަން ކުރުމަކީ ވެސް އާންމުކޮށް އެކަން ހިނގާ މަގެވެ.
ޕީޕީއެމް ގެ ކުއްލި ގޮތުން ބޭއްވި ގައުމީ ޖަލްސާގައި ޕާޓީގެ ރައީސް ކަމަށް އިންތިޚާބުކުރި، ރައީސް ޔާމީން އެ ޖަލްސާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފައި ވަނީ އެ ޕާޓީ ދެން އޮންނާނީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.
ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ލީޑަރޝިޕުގައި ނުވަތަ އިސް ސަފުގައި ތިއްބަވާ ބޭފުޅުން ދައްކަވަން ވާނީ ނިކަން ޒިންމާދާރު އަދި ތަސައްރަފު ފުދޭ ވާހަކަ ކަމަށް ގިނަ ރައްޔިތުން ދެކޭނެ އެވެ. އެހެން ކަމުން އިންސާފުން ބޭރުން ބަޔަކަށް އަދަބު ލިބި އަނިޔާ ލިބެމުންދާ ކަމަށް ގިނަ ރައްޔިތުން ތަކެއް ދެކޭ ނަމަ އެބަޔަކަށް އިންސާފު ލިބުމަކީ ހަމަ ކޮންމެ މީހަކު ވެސް އުފާކުރަން ޖެހޭނެ ކަމެއް ނޫން ބާވަ އެވެ؟
ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޚަލީލް އެ ދެއްކެވި ވާހަކަފުޅާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އޭނާ އަށް އަމާޒު ވެފައެވެ. އެއީ ޚަލީލަށް މާބޮޑު މައްސަލައަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް ސިޔާސީ ކުށްވެރީންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ބޭފުޅުން ކޮޅެއް މިނިވަން ކުރުމުން، ޖަލު ތަކުގައި ތިބި އެހެން އެންމެން ވެސް ދޫކޮށްލަން ގޮވައިލުމަކީ ހަމަ އެންމެ ޒިންމާދާރުކޮށް ކުރެއްވި ކަމެއްބާވަ އެވެ؟ ނޫނީ އެއީ ޚަލީލު ޖެއްސެވި ބޮޑު ޖޯކެއްބާވަ އެވެ؟