އެހެން ހުރިހާ ލޯތްބަކަށް ވުރެ، ރަސޫލާ ދެކެ ވާ ލޯބި ވަރުގަދަވާން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާގެ މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ އުއްމަތަށް ދައުވަތު ދެއްވުމުގައްޔާއި ޖަހާލަތުގެ އަނދިރިކަމުން މީސްތަކުން ނެރެ، އީމާންކަމުގެ އަލިކަމުގެ ތެރެއަށް ވެއްދުމަށް ކަމަށްވީ އިރު، އެކަލޭގެފާނު ދެކެ ލޯބިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ.
"އެހެން ހުރިހާ ލޯތްބަކަށް ވުރެ، ރަސޫލާ صلى الله عليه وسلم ދެކެ ވާ ލޯބި ވަރުގަދަވާންޖެހެއެވެ. ރަސޫލުالله صلى الله عليه وسلم ދެކެ ލޯބިވުމަކީ ކުރުމާއި ނުކުރުމުގެ އިހުތިޔާރު އިންސާނާއަށް ލިބިގެންވާ ކަމެއް ނޫންމެއެވެ. ބޭނުންވެއްޖެ ނަމަ އެކަލޭގެފާނު ދެކެ ލޯބިވެފައި، ބޭނުންނުވެއްޖެ ހިނދެއްގައި ލޯބިނުވެ ދޫކޮށްލުމުގެ އިހުތިހާރު އިންސާނާއަށް ލިބިގެންނެއް ނުވެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުކުރު ހުތުބާގައި ބުނެފައިވަނީ އެހެން ކޮންމެ ކަމަކަށް ވުރެ، ކީރިތި ރަސޫލާ صلى الله عليه وسلم އިސްކުރުމަކީ އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރެއިން ހިމެނިގެންވާ ކަމެއް ކަމަށާއި ރަސޫލާއަށް އަދަބު އިހުތިރާމު އަދާކުރުމަކީ ވެސް އެކަލޭގެފާނު ދެކެ ލޯބިވުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެގޮތުން އެކަލޭގެފާނުގެ މައްޗަށް ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުއާ ކުރުމަކީ ކޮންމެ މުސްލިމަކުމެ އަދާކުރަންޖެހޭ މުހިންމު ވާޖިބެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"ރަސޫލާ صلى الله عليه وسلم ދެއްވާފައިވާ ހުރިހާ ހަބަރުތަކެއް ހެޔޮހިތުން ތެދުކޮށް ގަބޫލުކުރުމަކީ ވެސް އެކަލޭގެފާނަށް އީމާންވުމުގެ ތެރެއިން ހިމެނޭ އަދި އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރެއިން ކުރަންޖެހޭ ކަމެކެވެ. ރަސޫލާ صلى الله عليه وسلم އަށް ފުރިހަމައަށް ކިޔަމަންގަނެ، އެކަލޭގެފާނަށް ތަބާވާންޖެހެއެވެ. އަދި އެކަލޭގެފާނަކީ ކޮންމެ ކަމެއްގައި ވެސް ނަމޫނާއެއް ކަމުގައި ބަލަންޖެހެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ރަސޫލާއަށް ކިޔަމަންގަތުމަކީ އެކަލޭގެފާނު ދެކެ ލޯބިވާކަމުގެ ދިރިހުރި ހެއްކެއް ކަމަށާއި ރަސޫލާ ދިފާއުކުރުމަކީ ވެސް މުސްލިމުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ރަސޫލާ ދެކެ ލޯބިވުމަކީ އެކަމުގެ މައްޗަށް މަތިވެރި ޖަޒާ ދެއްވާނެ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.