ހައިރައިޒް އިން އިންތިޒާމުކޮށްގެން އަންނަ މަހު 7 އިން 9 އަށް ބޭއްވުމަށް ހަމަޖައްސާފައިވާ "މޯލްޑިވްސް ލިވިން އެކްސްޕޯ 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައިފިއެވެ.
ލިވިން އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައިރައިޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާރިޔާ މާއިޝާއެވެ. އަދި ވަން އޮންލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މީޑިއާގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދެވެ.
ވަން އޮންލައިންގެ ޗެއާޕާސަން މިންހާ ވިދާޅުވީ ހައިރައިޒް ފަދަ އިވެންޓް އޯގަނައިޒިންގައި ފުންނާބު އުސް ޓީމަކާއެކު މަސައްކަތްކުރުމަކީ ލިބޭ އުފަލެއް ކަމަށާއި މި އިވެންޓްގެ ޕާޓްނަރުކަން ވަންއަށް ދެއްވި ކަމަށްޓަކައި ހައިރައިޒް ޓީމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މޯލްޑިވްސް ލިވިން އެކްސްޕޯ ކާމިޔާބު އިވެންޓަކަށް ހެދުމަށް ވަން އިން ފުރިހަމަ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް މިންހާ ދެއްވިއެވެ.
މޯލްޑިވްސް ލިވިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެލައިންޑް އިންޝުއަރެންސް ހަމަޖައްސާފައިވާ އިރު، ކޯ ސްޕޮންސަރުންނަށް ހަމަޖައްސާފައިވަނީ ލަގްޒަރީ އެޕާޓްމެންޓް ކުންފުނި އަކުއާ ވީޓާ ރެޒިޑެންސް އާއި އޭޝިއާގެ އެންމެ މަގުބޫލު އާކިޓެކްޗަރަލް ޑިޒައިން އެވޯޑް ހޯދި ސްރީލަންކާގެ ލަގްޒަރީ ޕްރޮޕަޓީ ކުންފުންޏެއް ކަމަށްވާ އޯލްޓެއާއެވެ.