ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ދެ އިންތިޚާބީ ދާއިރާ އިތުރުވެއްޖެ

މުހައްމަދު އައުޒަމް

1

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް އިދާރީ ދާއިރާތަކަށް ބެހުމަށް މުރާޖައާކުރިއިރު، އިދާރީ ދާއިރާތަކުގެ އާބާދީއަށް އައިސްފައިވާ ބަދަލާ ގުޅިގެން ދެ އިންތިޚާބީ ދާއިރާ އިތުރުކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓުގައިވާ ގޮތުން ދެ އިންތިޚާބީ ދާއިރާ އިތުރުވެފައި ވަނީ މާލޭ ސިޓީއަށެވެ. ނަމަވެސް އިންތިޚާބީ ދާއިރާ އިތުރުވި ގޮތުގެ ތަފްސީލް އެ ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ.

މާލޭގެ އާބާދީއަކީ 70977 ކަމަށާއި އެ ނިސްބަތުން އިދާރީ ދާއިރާ ބެހެނީ 15 ދާއިރާއަކަށް ކަމަށެވެ. އެއީ ދާއިރާއަކަށް 4300 މީހުންގެ ނިސްބަތުންނެވެ.

ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ފައިނަލް ރިޕޯޓާއެކު މާލޭ ސިޓީގެ އިދާރީ ދާއިރާތަކުގެ ތަފްސީލް ހިއްސާކުރާނެ ކަމަށް ވަގުތީ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

މާލޭ ސިޓީއަށް އިތުރުވާ ދެ ދާއިރާއާ އެކު ޖުމްލަ 87 އިންތިޚާބީ ދާއިރާއަށް އަންނަ އަހަރު ބާއްވާ މަޖިލީސް އިންތިޚާބުގައި މެމްބަރުން އިންތިޚާބު ކުރަންޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ ގާނޫނު އަސާސީގެ 72 ވަނަ މާއްދާގައިވާ ގޮތުގެމަތިންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ 9 ވަނަ މާއްދާ އާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާފައިވާ އުސޫލު:

  • ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން.
  • އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުވާ ކޮންމެ ފަސްހާސް މީހަކަށް މެމްބަރެއް.


އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި ދާއިރާތައް ބަހާފައިވާ ގޮތުގެ ޗާޓުތަކާއި އިންތިޚާބީ ދާއިރާތަކުގެ އަދަދުތައް ވަގުތީ ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީވެފައިވާ އާބާދީގެ އަދަދުތައް ކަމަށް އެ ކޮމިޝަނުން ބަލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިދިޔަ މެއި 31 ގެ ނިޔަލަށް އެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަށް ބަލައިގެން ކަމަށެވެ.

އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 21 ވާ އާދީއްތަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟