މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގައި ރައީސެއް ހުންނަ ކަމެއް އިލެކްޝަންސް ކޮމިޝަނަކަށް ނޭނގޭ ކަމަށް އެކޮމިޝަނުން މިއަދު ބުނެފި އެވެ.
އެމްޓީޑީގެ ރައީސްގެ މަގާމަށް އެ ޕާޓީން ހަމަޖައްސާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ނަމަވެސް ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ބޭފުޅަކަށްވުމުން އަދީބަށް ރައީސްގެ މަގާމުގައި ނުހުރެވޭނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެމްޓީޑީން މިހާތަނަށްވެސް އަދީބުގެ ނަން ބޭނުންކުރައްވަނީ އެޕާޓީގެ ރައީސްގެ ގޮތުގައެވެ.
މިހާރު އިލެކްޝަންސް ކޮމިޝަނުން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޖަލު ހުކުމެއްގައި ހުރި މީހަކަށް ޕާޓީއެއްގެ އިސް މަގާމެއްގައި ނުހުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
"އެމްޓީޑީގެ ފަރާތުން ޕާޓީގެ ރައީސެއްގެ ގޮތުގައި މިވެނި މީހެއް އިންތިހާބުކޮށްފީމޭ ކިޔާފަ އަޅުގަނޑުމެންނަށް އަންގާފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ޕާޓީއަކުން އަމަލުކުރާނަމަ އެޕާޓީއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.