ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ނުވަތަ ކޮންގްރެސް ޕާޓީން ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ނޫން ފޯމްތަކެއް ކަމަށްބުނެ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ދަނީ ބަލަމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޕީއެންްސީ އުފެއްދުމަށްޓަކައި އެ ޕާޓީއާ ގުޅުނު 4،000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ ޕީއެންސީން ހުށަހަަޅާފައިވާ ފޯމުތަކުގެ ތެރޭގައި މީހުންގެ ހުއްދައާ ނުލާ ފޯމު ހުށަހަޅާފައިވާ ކަމަށް ބުނެ މައްސަލަތަކެއް ހުށަހަޅާފައިވާކަމަށެވެ.
"ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ބޭފުޅުންގެ ހުއްދައެއް ނެތި އަދި އެބޭފުޅުންގެ އެއްވެސް ކޮންސެންޓެއް ނެތި ފޯމުތަކެއް ފުރައިގެން ތިމަންނަގެ ނަން ލާފައިވާ ކަމަށް އޮއްތޯ ނޫނީ ނޫންތޯ ޗެކްކުރުމަށް ޓެކްސްޓުގެ ޒަރިއްޔާއިން އަދި ފޯނުގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް ހުށަހެޅެމުން އެބަ ދޭ" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޕާޓީތައް އުފެއްދުމުގެ ފޯމުތަކާ ގުޅިގެން މީގެކުރީން އެފަދަ ޝަކުވާތަކެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ފޯމުތައް ބެލުމަށް ފަސޭހަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ޕީއެންސީގެ ފޯމުތަކުގައި އެ މައްސަލަތައް ހުރުމުން އިތުރަށް ބަލާނެ ކަމަށް ވިދާޅުވިއެވެ.