މުހައްމަދު އައުޒަމް
ނެޝަނަލް ރިފޯމް ޕާޓީ އުފައްދަނީ ގައުމު އިސްލާހު ކުރަން ކަމަށް ޝައިހް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނެޝަނަލް ރިފޯމް ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިހް މުހައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި ޒަމާންވީ ރީތި އާދަ ނެތި ގޮސްފައިވާ ކަމަށާއި އިސްލާމް ދީނުގެ ރިވެތި އަހްލާގުވެސް ނެތިގެން ގޮސްފައިވާކަމަށެވެ. ޝައިހް މުހައްމަދު ދީދީ ވިދާޅުވީ ނެޝަނަލް ރިފޯމް ޕާޓީގެ އެންމެ މުހިއްމު އެއް މަގްސަދަކީ ރާއްޖެ ރިފޯމްކޮށް އިސްލާހު ކުރުމަށް ކަމަށެވެ.
ޝައިހް މުހައްމަދު ދީދީ ވަނީ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރަމުން ދާއިރު ގިނަ ބަޔަކާއި މަޝްވަރާ ކުރަމުން ދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމިންގެ ރަނިންގ މޭޓު ޑ.ޝަހީމް އާއި ވެސް މަޝްވަރާކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ޝައިހް މުހައްމަދު ދީދީ ވިދާޅުވީ ނެޝަނަލް ރިފޯމް ޕާޓީގައި ތަނަވަސް ފުރުސަތުތަކެއް ހުޅުވިފައިވާކަމަށާއި ރާއްޖޭގައި ކިޔަވައިގެން ތިބި ބޭފުޅުންނަށް މިއީ ރަނުގެ ފުރުސަތެއްކަމަށެވެ.
ޕާޓީ އިން އަދި މިހާތަނަށް އެއްވެސް ބަޔަކާއި ކޯލިޝަން ހެދުމަށް ވިސްނާފައި ނުވާކަމަށް ޝައިހް މުހައްމަދު ދީދީ ވިދާޅުވިއެވެ. އަދި އެޕާޓީން އެއްވެސް ބަޔަކާއި އިދިކޮޅު ނުވާނެ ކަމަށާއި ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ މިހަފްތާތެރޭގައި ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގެ ހުއްދަދީފައެވެ.