ރީކޯ މޫސާ މަނިކް

ގަން ތަރައްގީކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުޅެވޭ ތަނަކަށް ހަދަންޖެހޭ: މޫސަ

ޝަހީދާ އަބްދުﷲ ސައީދު

ހައްދުންމަތީ ގަން ތަރައްގީކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިރިއުޅެވޭ ތަނަކަށް ގަން ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މޫސަގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ގަމަކީ ރާއްޖޭގައި އޮތް އެންމެ ބިންބޮޑު ރަށްކަމަށްވާއިރު ގަން ތަރައްގީކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ދިރިއުޅެވޭނެ ރަށެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި މަޖިލީހުގައި ދާއިރާގެ އަޑު އިއްވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ގަމުގެ އަޑު ރައްޔިތުންގެ މަޖިލީހުގައި 2005 ވަނަ އަހަރުން ފެށިގެން އިއްވީ އޭނާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިއްވާނީ އޭނާ ކަމަށެވެ.

ހައްދުންމަތީގެ ރައްޔިތުންގެ ހައްގުގައި، އަދި ޚާއްސަކޮށް ގަމު ދާއިރާގެ ރައްޔިތުންގެ ހައްގު ހޯދުމަށް މޫސަ ވަކާލާތު ކުރައްވަމުން ގެންދަވާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މޫސާ މަނިކު ވާދަކުރައްވަނީ ގަމު ދާއިރާއަށެވެ.

މޫސައަކީ ރައްޔިތުންގެ މަޖިލީހުގައި ހައްދުންމަތީގެ މެންބަރުކަން ގިނަ ދުވަހު ކުރައްވައި، ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މެންބަރެކެވެ.

މޫސަ ވަނީ އައްސޭރި ޓޫރިޒަމަކީ ގަމުގެ ދިގު ބީޗަށް އަމާޒުކޮށް 2005 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި ވަކާލާތުކުރައްވަމުން ގެންދެވި ކަމެއްކަން ފާހަގަކުރައްވާފައެވެ. އޭގެ ފަހަށް ހަތަރު ރައީސުންގެ ވެރިކަން ނިމި ދިޔައިރު، ކޮންމެ ބޭފުޅަކު ވެސް އެކަމުގެ މުހިންމުކަމުގެ ވާހަކަދައްކެވި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ މޫސަ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.