ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ސަރުކާރުގެ ވަޒީރުކަން ކުރެއްވި އިލްޔާސް އިބްރާހީމާ އޭރުގެ ސަރުކާރުން ހިޔާލު ތަފާތުވުމަކީ ހައްދުންމަތީގެ ތަރައްގީއަށް ހުރަސްއެޅެންވީ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސާ މަނިކު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މޫސަގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ހައްދުންމަތީގެ ތަރައްގީގެ ހުވަފެން ފުރަތަމަ ދައްކަންފެށީ އިލްޔާސް އިބްރާހީމް ކަމަށެވެ. އަދި އިލްޔާސް އިބްރާހީމާ މެދު އޭރު ހިޔާލު ތަފާތުވެފައި އޮތުމުން އޭގެ އަނިޔާ ދާއިމަށް ހައްދުންމަތީގެ ރައްޔިތުންނަށް ލިބެން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.
މޫސަގެ އިތުރު ޓުވީޓެއްގައި ވިދާޅުވީ މާޒީއަށް ބަލާއިރު ލ. ގަމަކީ ކޮންމެ ސަރުކާރެއްގައި ވެސް ތަރައްގީއާ މެދު ސަރުކާރުގެ ބޮޑުންގެ މެދުގައި އަރައިރުން ހިންގައި ބިޔަކޮށްފައި އޮންނަ ރަށެއް ކަމަށެވެ.
އަދި ގަމުގެ އަޑު ރައްޔިތުންގެ މަޖިލީހުގައި 2005 ވަނަ އަހަރުން ފެށިގެން އިއްވީ މޫސަ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިއްވާނީ މޫސަ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މޫސަ ވިދާޅުވި އައްސޭރި ޓޫރިޒަމަކީ ގަމުގެ ދިގު ބީޗަށް އަމާޒުކޮށް 2005 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި ވަކާލާތުކުރައްވަމުން ގެންދެވި ކަމެއްކަމަށާއި އޭގެ ފަހަށް ހަތަރު ރައީސުންގެ ވެރިކަން ނިމި ދިޔައީ ކޮންމެ ބޭފުޅަކު ވެސް އެކަމުގެ މުހިންމުކަމުގެ ވާހަކަދައްކަވައި ހަބަރު ހައްދަވަމުން ކަމަށެވެ.