ނަސްރާއި ކާމިޔާބަކީ މާތްﷲ އަށް ތެދުވެރި، އިހުލާސްތެރި މުއުމިންތަކުންނަށް ﷲ ދެއްވާ ނިއުމަތެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ﷲ ގެ ފޮތަށާއި ﷲގެ ރަސޫލާގެ ސުންނަތަށް އަމަލުކުރުމަށާއި ކާފިރުން ކިތަންމެ ބޮޑު ތުހުމަތުތަކެއް މުސްލިމުންގެ ބޮލުން އެޅުވިޔަސް އެކަމާ މެދު ދެރަވާން ނުޖެހޭ ކަމަށް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.
"ނަސްރާއި ކާމިޔާބަކީ މާތްﷲ އަށް ތެދުވެރި، އިހުލާސްތެރި މުއުމިންތަކުންނަށް ﷲ ދެއްވާ ނިއުމަތެކެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި މާތްﷲ އަށް ނަސްރުދިނުމަކީ އެކަލާނގެ ދީން ގާއިމުކުރުމެވެ. އެކަލާނގެ ޝަރީއަތް ތަންފީޒުކުރުމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މުސްލިމުންނަށް ނަސްރު ނުލިބި ނާކާމިޔާބު ލިބިފައިވަނީ ﷲ ގެ ދީން ދޫކޮށްލުމުގެ ސަބަބުންނާއި ދުނިޔޭގެ ވަގުތީ އުފާތަކުގައި މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކަމަށާއި މާތްﷲ އިންސާނާ މި ދުނިޔެއަށް ފޮނުއްވީ އެކަލާނގެއަށް އަޅުކަން ހާސިލުކުރުމަށާއި ދުނިޔެ އާރާސްތުކޮށް ތަރައްގީކުރުމަށް ކަމަށެވެ.
"ކާމިޔާބާއި ފަލާހު ލިބޭނީ ކަންތައްތަކެއްގެ ތެރެއިން ލައިފައެވެ. އޭގެ ތެރޭގައި ގަބޫލުކުރާ ހަރުދަނާ އުސޫލެއްގެ މަތީގައި ސާބިތުވެ ތިބެގެންނެވެ. މުސްލިމުންނަށް ބަލާއިރު މިއީ އީމާންކަމުގެ އަގީދާއެވެ. މި އުސޫލުތަކުގައި ފަރުވާ ކުޑަނުކުރުމަށް މާތްﷲ މުސްލިމުންނަށް ވަނީ އަމުރުކުރައްވައިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ކާމިޔާބާއި ނަސްރު ލިބޭނީ އީމާންތެރިކަމާއި އެއްބައިވަންތަކަމުގެ ތެރެއިން ކަމަށާއި މުޖުތަމައުގެ ހަރުދަނާކަމާއި އާރާއި ބާރު ދެމިގެން އަންނަނީ އެ މުޖުތަމައެއްގެ ދަރިންގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން ކަމަށެވެ. އަދި މި ގުޅުން ހަގީގީ ގުޅުމަކަށް ވާނީ އެމީހުން ހިއްސާވާ ލަނޑުދަނޑިތަކުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.