ޝަހީދާ އަބްދުﷲ ސައީދު
މަޖިލިސް އިންތިޚާބުގައި ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޓުރިޒަމް މިނިސްޓްރީއާ މަޝްވަރާކޮށްފި އެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ މިއަހަރު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓުތަކުގައި ވޯޓްފޮށި ބެހެއްޓުމާއި މެދު އިލެކްޝަންސް ކޮމިޝަނުން އިއްޔެގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެމަޝްވަރާގައި ވޯޓްފޮށި ބަހައްޓާނެ ތަންތަނާއި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް އަކުރަމު ވިދާޅުވި އެވެ.
އަކުރަމް ވިދާޅުވީ ރިސޯޓް ތަކުގައި ވޯޓްފޮށި ބެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މިފަހަރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ މިނިސްޓްރީއާ އީސީ މަޝްވަރާ ކުރުމަށްފަހު ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް އެބައްދަލުވުމުގައި ނިންމާފައިވާކަމަށް އަކުރަމު ވިދާޅުވިއެވެ.
އަދި ހުރިހާ ފަރާތްތައް ގުޅިގެން މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުންތައް މީޑިއާއާ ހިއްސާކުރައްވާނެ ކަމަށްވެސް އަކުރަމު ވިދާޅުވިއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަމާ ގުޅޭ ގޮތުން އީސީ އިން ވަނީ އެލްޖީއޭގެ އިސް ވެރިންނާ ވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ މާޗު ހައެއްގައެވެ.