ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ހަމްދޫން ރަޝީދު އައްޔަންކޮށްފިއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މިއަދު ސީޕީގެ މަގާމަށް ހަމްދޫން ރަޝީދު އައްޔަން ކުރެއްވި އިރު، އޭނާ ހުންނެވީ ފުލުހުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.
ފެބްރިއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މަގާމުން ވަކިކޮށް، އެ މަގާމަށް އަހްމަދު ސައުދީ އައްޔަންކުރިއެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވަނީ ސައުދީ ވެސް މަގާމުން ވަކިކޮށް، އެކްޓިން ސީޕީގެ މަގާމަށް އަބްދުﷲ ނަވާޒް އައްޔަކޮށްފައެވެ.
ރިޔާސީ އިންތިހާބަށްފަހު ނަވާޒް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭން އޮފީހަށް ވަޑައިގެން ބައްދަލު ކުރައްވައިފައެވެ. އިބޫގެ ކެމްޕޭން އޮފީހުން ބުނާ ގޮތުގައި، ނަވާޒް ވަޑައިގެންނެވީ އިހުތިރާމުގެ ޒިޔާރަތެއްގައެވެ.