އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި ގާއިމުކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 32 ރަށެއްގައި އައުޓްޑޯ ޖިމް އިންސްޓޯލު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިނާން ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 4.1 މިލިއަން ރުފިޔާ އަށެވެ.
އެކަމުގެ އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހީމެވެ. ސިނާން ގުރޫޕުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހީމް އަރީފެވެ.
އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން 14 ދުވަސްތެރޭ މަސައްކަތް ފަށަން ޖެހެއެވެ. އަދި 56 ދުވަސްތެރޭ މަސައްކަތް އެއްކޮށް ނިންމަން ޖެހެއެވެ.
ރާއްޖޭގެ 61 ރަށަކަށް އައުޓްޑޯ ޖިމް ސާމާނު އިންޑިއާ އިން ހަދިޔާ ކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.