ޝަހީދާ އަބްދުﷲ ސައީދު
ސަލްޓަން ޕާކު ތެރޭގައި ހުރި އުސްގެކޮޅު ހުރީ ކުރީގެ ސަރުކާރުން ކުއްޔަށް ދޫކޮށްފައި ކަމަށް ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އިމާދު ލަތީފު ކުރެއްވި ޓުވީޓެއް ރީ-ޓުވީޓު ކުރައްވަމުން މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވީ ކުރީގެ ސަަރުކާރުން ކުއްޔަށް ދޫކޮށްފައި ހުރި އުސްގެކޮޅު އެހެން ތަނަކަށް ބަދަލުކުރުމުގެ ވިސްނުން ވެސް އެ ސަރުކާރުން ގެންގުޅުއްވި ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން ވަނީ އުސްގެކޮޅު ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ "އާކް" އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
2016 އޮގަސްޓް 4 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އާކްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން އެގްޒެކެޓިވް ޑިރެކްޓަރު ޒީނާ ޒާހިދެވެ.
އުސްގެކޮޅު ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ ސެންޓަރެއްގެ ގޮތުގައި ހިންގަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޝަލް ހުށަހަޅަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވަނީ 9 ޖޫން 2016 ގައެވެ.
އުސްގެކޮޅަކީ ގަރުނަކަށްވުރެ ގިނަ ދުވަސްވީ އިމާރާތެކެވެ. ރާއްޖޭގެ އާސާރީ ތަންތަނާއި ތަރިކަ ހިމާޔަތްކުރުމަށް ހެރިޓޭޖުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.