ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީތައް މިހާރު އުފައްދަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ދެއްކި މަގުން ކަމަށް އެޕާޓީގެ މުއައްސިސް އިސްމާއީލް އާސިފް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށްޓަކައި އެ ޕާޓީއާ ގުޅުނު 4،000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ހުށަހަޅާފައެވެ.
އެމްޓީޑީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އާސިފް ވަނީ އެޕާޓީން ވެސް ކުރިއަށް އެ ދަނީ އެމްޓީޑީގެ ފަހަތުން އެ ޕާޓީން ދެއްކި މަގުން ކަމަށެވެ.
"އެންމެފަހުން ޕާޓީ ރެޖިސްޓްރީކުރަން އެމްޓީޑީން ދިޔައީމަ މިއަދު ކިތައް ޕާޓީތޯ އަޅުގަނޑުމެން ފަހަތުންގޮސް ރެޖިސްޓްރީކުރަން އެ މަސައްކަތްކުރަނީ؟ ކިތައް ބޭފުޅުންތޯ ބޮޑެތި ޖަލްސާ ބާއްވާފައި ހަދާފައި ހުރި ޕާޓީތައް އަލުން ރަޖިސްޓްރީކުރަން އެޕާޓީތައް ދޫކޮށްލާފައި ރަޖިސްޓްރީކުރަން މިއަދުވެސް ޕާޓީއެއް ވަނީ. އެއީ އަޅުގަނޑުމެން ދެއްކި މަގުންނޭ އެ ބޭފުޅުން އެ ހިނގަނީ،" އޭނާ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ސިޔާސީ ދާއިރާގެ ކަންކަން ބައްޓަން ކުރަމުން ދަނީ އެމްޓީޑީން ކަމަށް އާސިފް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ޖެހި ލޯގޯއަކަށް ލޯގޯއެއް ޖަހައިގެން، އަޅުގަނޑުމެން ޖެހި ޕޯސްޓަރަކަށް ޕޯސްޓަރެއް ޖަަހައި، އަޅުގަނޑުމެން ނެގި ފޮޓޯއަކަށް ފޮޓޯއެއް ނަގައިގެން އިނގޭތޯ އެދަނީ ތަންތަނަށް ބޭފުޅުން ޕާޓީ ރަޖިސްޓްރީކުރަން،" އޭނާ ވިދާޅުވިއެވެ.