ބޮލީވުޑް

ގުލީ ބޯއީ ޓްރެއިލާ ރިލީސް ކޮށްފި

ފިލްމް ގުލީ ބޯއީ އަކީ އިންޑިއާގެ އަންޑަރގްރައުންޑް ރެޕާސް ކަމުގައިވާ ޑިވައިން (ވިވިއަން ފަނާންޑިސް) އަދި ނާޒީ (ނަވޭދް ޝެއިޚް) ގެ ދިރިއުޅުމުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

ޒޯޔާ އަޚްތަރު ޑައިރެކްޓްކުރި މި ފިލްމުގައި ރަންވީރު ސިންގް އަދި އާލިއާ ބަޓް ވަނީ މަގުމަތީގެ ހިޕް ހޮޕް އާލާކޮށްދީފައެވެ. މީގެ ކުރިން ޒޯޔާ ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ދިލް ދަޅަކްނޭ ދޯ" އަދި"ދިލް ޗާތާހޭ" ހިމެނެއެވެ.

ރަންވީރު އަދި އާލިޔާ މީގެ ކުރިން އެކީގައި ފިލްމެއް ކުޅެފައި ނެތަސް ދެމީހުން އެކީގައި ވަނީ އިސްތިހާރު ކުޅެފައެވެ. އަދި ފިލްމް ގުލީ ބޯއީ ގައި މި ދެތަރިން އެކީގައި ބެލުމަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.

ޓްރެއިލާ އިއްޔެ ރިލީސް ކޮށްފައިވާއިރު ޓްރެއިލާ ފަށަނީވެސް "ހިޕް ހޮޕް" މިއުޒިކް އިންނެވެ. ފިލްމުގައި ރަންވީރު ކުޅެނީ ކުރިއަރަން މަސައްކަތް ކުރާ ރެޕާ އެއްގެ ރޯލެވެ. އަދި އާލިޔާ ކުޅެނީ މުސްލިމެއްގެ ރޯލެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމަށް ރެޕް ކުރުމަށް ރަންވީރުއަށް ދަސްކޮށްދިނީވެސް ޑިވައިން އަމިއްލައަށެވެ.

ގުލީ ބޯއީ ރިލީސް ކުރަން ހަމަޖެހިފައި ވަނީ 14 ފެބްރުއަރީ ގައެވެ. ނަމަވެސް 69 ބާރލިން ފިލްމް ފެސްޓިވަލުގައި ފެބްރުއަރީ 7 އިން 17 އަށް ފިލްމު އަޅުވަން ވަނީ ނިންމާފައެވެ.