އެމްޕީއެލް

މަސައްކަތެއް ނެތި ގިނަ މުވައްޒަފުންތަކެއް އެބަތިބި، ކަނޑަންޖެހޭ މީހުންގެ ލިސްޓެއް ހަދާނަން: އެމްޕީއެލް

ޝަހީދާ އަބްދުﷲ ސައީދު

3

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ކުރާނެ ވަކި މަސައްކަތެއް ދައްކާފައި ނުވާ މުވައްޒަފުން އެބަތިބި ކަމަށާއި އެފަދަ މީހުންގެ ލިސްޓެއް ހެދުމަށްފަހު ވަޒީފާއިން ވަކިކުރަން ޖެހިދާނެ ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ''ފަލަ ޝުރުޚީ'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ހުސްވި އަހަރުގެތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެމްޕީއެލްއިން ވަޒީފާ ދީފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކުރާނެ ވަކި މަސައްކަތެއް ހަވާލުނުކުރާ މުވައްޒަފުން ގިނަކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެއްވެސް ކަމެއް ނުކުރާ ބަޔަކަށް އުޖޫރައެއް ދީގެން ގެންގުޅެން ވެއްޖެނަމަ އެއީ ކުންފުންޏަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މުވައްޒަފުން ވަކިކުރުމަކީ ކުންފުނީގެ އުސޫލެއް ނޫން ކަމަށާއި ނަމަވެސް ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ހަވާލުކުރެވޭ މަސައްކަތްތައް ނުކުރެވޭނަމަ ވަކި ކުރަން ޖެހިދާނެ ކަމަށް ވިދާޅުވިއެވެ.

އަދި ބައެއް މުވައްޒަފުން ބޭނުން ހިފޭ އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކުރެވެން ހުރިތޯ ބަލަމުންދާ ކަމަށާއި އަދި އެ ޑިޕާޓްމަންޓެއްގައި މުވައްޒަފަށް ކުރެވޭ ކަހަލަ މަސައްކަތެއް ހުރިތޯވެސް ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްއަށް މުވައްޒަފުން އިތުރުކުރީ މާގިނަ މަސައްކަތްތަކެއް ފެށިގެން ނޫން ކަމަށާއި އެއީ ވަޒީފާ ނެތް ތަނަކަށް ގިނަ މުވައްޒަފުން ނެގުން ކަމަށެވެ.

އަދި ކުރީގެ ސަރުކާރުގައި ވަޒީފާދިން މުވައްޒަފުންގެ ތެރޭގައި ތައުލީމީ ގާބިލު މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެފަދަ މުވައްޒަފުން ނެތި ކުންފުނި ހިންގަން ދަތިވާ ފަދަ މުވައްޒަފުން ވެސް އެބަތިބި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟