ބޮލީވުޑް

ހަތް އަހަރު ފަހުން އަމީތާބާއި އަޖޭ އެކުގައި ފިލްމަކުން

ހަތް އަހަރުފަހުން ބޮލީވުޑްގެ މެގާ ސްޓާ އަމީތާބް ބަޗަނާއި އަޖޭ ދޭވްގަން އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"މެއިޑޭ" ގެ ނަމުގައި އުފައްދާ އެ ފިލްމުގައި އަޖޭ ފެނިގެންދާނީ ޕައިލެޓެއްގެ ރޯލުންނެވެ. އަމީތާބްގެ ރޯލު އަދި އާއްމުކޮށްފައެއް ނުވެއެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ އަޖޭ ދޭވްގަން ފިލްމްސް އިންނެވެ. އަދި ޑައިރެކްޓްކުރަނީ ވެސް އަޖޭއެވެ. މި ފިލްމު ވެގެންދާނީ އަމީތާބްގެ ފިލްމެއް އަޖޭ ޑައިރެކްޓް ކުރާ ފުރަތަމަ ފަހަރަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ މަސައްކަތް ޑިސެމްބަރު މަހު ހައިދަރުއާބާދުގައި ފަށާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މަގްބޫލު ފިލްމުތަކެއްގައި މިދެ ތަރިންވަނީ މީގެ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "މޭޖާ ސާހޭބް"، "ކާކީ" އަދި "ސަތިޔާގްރާހާ" ހިމެނެއެވެ.