ސަތޭކަ ކޮންޓެއިނަރުގެ މުދާ ނުބާލައި މިދިޔަ ބުރާސްފަތި ދުވަހު މާލޭ ބަނދަރުން ފުރައިގެން ދިޔަ ބޯޓުގައި ހުރި މުދާތައް އަނބުރާ މާލެ ގެނެސްފިއެވެ.
ޗައިނާގެ ޝަންހައި އިން 100 ކޮންޓެއިނަރުގެ މުދާ ހިފައިގެން ރާއްޖެ އައި ސީއެމްއޭ ސީޖީއެމްއަށް ނިސްބަތްވާ '' ސިޓީ އޮފް ޝަންހައި'' ބޯޓު މުދާ ނުބާލައި ފުރީ މުދާ ނުބޭލި ގިނަ ދުވަސްވާތީ ކަމަށް ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުރައިގެން ސްރީލަންކާ އަށް ދިޔަ އެބޯޓުގައި ހުރި ދިވެހި ވިޔަފާރިވެރިންގެ 100 ކޮންޓެއިނަރުގެ މުދާ އަނބުރާ މާލެ ގެނެސްފައިވަނީ އިއްޔެ ހަވީރު އެހެން ބޯޓެއްގަ އެވެ.
އެމްޕީއެލް އިން ބުނެފައިވަނީ މިވަގުތުވެސް ކިޔޫގައި ދެބޯޓް އެބައޮތް ކަމަށާއި ބޯޓުން މުދާ ބޭލުމަށް ދިހަ ދުވަސްވަރު ނަގާނެ ކަމަށެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލެއަށް މުދާ ހިފައިގެން އައި ސިޓީ އޮފް ޝަަންހައި، ފުރައިގެން ދިޔައީ މުދާ ނުބޭލި ގިނަ ދުވަސްވުމުން އެހެން ދަތުރުތަކަށް ބުރޫއަރާތީ ކަމަށް ބުނެއެވެ. ނަމަވެސް އެމްޕީއެލްއިން ބުނެފައިވަނީ ބޯޓު ފުރައިގެން ދިޔައީ މުދާ ބޭލުމަށް ދީފައިވާ މުއްދަތުގެ އެއްދުވަސް ކުރިން ކަމަށެވެ. އަދި ބޯޓު ފުރައިގެން ދިޔައިރު އެމްޕީއެލް އަށް ސަބަބު ނާންގާ ކަމަށްވެސް ބުނެފައި ވެއެވެ.