ސުޕްރީމް ކޯޓް

ރަޖަމްކުރަން ކުރި ހުކުމް ބާތިލުކުރި ނަމަވެސް ދައުވާ ބާތިލެއް ނުކުރަން: ޑީޖޭއޭ

ޝަހީދާ އަބްދުﷲ ސައީދު

ޒިނޭކުރި މީހަކު ރަޖަމްކުރުމަށް ޅ. ނައިފަރު މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލުކުރި ނަމަވެސް ދައުވާ ބާތިލުކޮށްފައި ނުވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޖުޑީޝަލް އެޑްމިނިސްޓޭޝަންގެ ލީގަލް އޮފިސަރު ފައިސަލް އާދަމް ވިދާޅުވީ އެމައްސަލައިގައި ދެން ކަންތައްކުރަންވީ ގޮތް ސުޕްރީމް ކޯޓުން ނައިފަރު މެޖިސްޓްރޭޓް ކޯޓަށް އަންގަވާފައި ވާނެ ކަމަށެވެ.

އެމައްސަލައިގައި ދައުވާ ބާތިލު ނުކުރާ ކަމަށާއި ބާތިލު ކުރީ ހުކުމް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެމައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ޖިނާއީ މައްސަލައެއްގައި، ދަށު ކޯޓުން ނިންމާ ނިންމުމެއް މަތީ ކޯޓަކުން ބަދަލުވެދާނެ ކަމަށާއި އެއީ އާދަޔާ ޚިލާފު ކަމެއް ނޫން ކަމަށެވެ. އަދި ކޯޓުގައި ދައުވާ އުފުލަނީ ޕީޖީ އޮފީހުން ކަމަށާއި ކުރެވޭ ދައުވާއަށް ބަލައި، ހުށަހަޅާފައިވާ ހެކިތަކާ ގަރީނާތަކަށް ބެލުމަށްފަހު ނޫނީ ނިންމުންތައް ނުނިންމަވާނެ ކަމަށް މާޖިދު ވިދާޅުވިއެވެ.

އަދި އެ މައްސަލައެއް ނިންމާއިރު ދަށު ކޯޓުގެ ނިންމުމާއި އިސްތިއުނާފީ މަރުހަލާގައި ނިންމާ ނިންމުމުގެ އިތުރުން އިލްތިމާސް މަރުހަލާގައި ނިންމާ ނިންމުންވެސް ތަފާތުވެދާނެކަމަށް މާޖިދު ވިދާޅުވިއެވެ.

ޅ.ނައިފަރު ހަނީމޫން، އާމިނަތު ޝަރީފާ މުހައްމަދުގެ މައްޗަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ހިންގައި ނިންމާފައި ވަނީ އެގަޒިއްޔާގެ ދައުވާގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހަވާލާދީފައިވާ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތައް ސާބިތުވެ ހައްދު ޖަހަން މިހާރު ވެސް ރާއްޖޭގެ ކޯޓުތަކުން ހުކުމް ކުރެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައި އޮންނަނީ އެފަދަ ހުކުމްތައް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުންކަމަށެވެ.