ސުޕްރީމް ކޯޓް

ކޯޓުތަކުގެ މައްސަލަތައް ކުރިއަށްދާގޮތް ބެލުމަކީ ކޮމިޝަންގެ ޒިންމާއެއް ނޫން: ޑީޖޭއޭ

ޝަހީދާ އަބްދުﷲ ސައީދު

2

ޝަރުއީ ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށްދާ ގޮތް ބެލުމަކީ މަރުތައް ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނުގެ ޒިންމާއެއް ނޫން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނަކީ ވަކި މެންޑޭޓެއްގެ ދަށުން އުފައްދަވައި އެ މެންޑޭޓުގެ ދަށުން މަސައްކަތްކުރަން އުފެއްދެވި ކޮމިޝަނެއް ކަމަށެވެ.

އަދި އެ ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ވަކިވަކި މައްސަލަތަކެއް ހިނގާދިޔަ ގޮތް ތަހުގީގު ކުރުން ކަމަށްް ކޮމިޝަން އުފެއްދެވި ގަރާރުގައި ކަނޑައަޅާފައިވާކަމަށް މާޖިދު ވިދާޅުވިއެވެ.

'' އެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ފަނޑިޔާރުންނާ ބެހޭ ގޮތުން، އަދި ކޯޓުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ. ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެކަން ބެލުމަކީ މެންޑޭޓުގައިވާ ކަމެއް ނޫން. އެއީ ކޮމިޝަންގެ ފަރާތުން ކުރަންޖެހޭ ކަމެއް ނޫން. ޒިންމާއެއް ނޫން، ކޯޓު ތަކާ ފަނޑިޔާރުން ކުރައްވާ މަސައްކަތާ ބެހޭ ގޮތުން ވާހަކަދެއްކުމަކީ. އެފަދަ ވާހަކަތައް ދެއްކުމުގެ ފުރުސަތެއް ކޮމިޝަންގެ މެންބަރަކަށްވެސް ރައީސަކަށްވެސް ލިބިގެންނެއް ނުވޭ.'' މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ، ކުރެވޭ ހީތަކާ ތުހުމަތުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުމަކީ ކޮމިޝަންގެ އެއްވެސް މެންބަރަކު، އަދި ރައީސް ކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަނާ ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތާއި ޒިންމާ އަދާނުކުރެއްވުން ކަމަށެވެ.

އަދި އެއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އަސާސްތަކުގެ މައްޗަށް ހަދާފައިވާ ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ކޮމިޝަންގެ ރައީސްގެ މައްޗަށް ފިޔަވަޅު އެޅުމަށް ހުރަހެއް އޮތްކަމެއް ނޫން ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.

މީގެއިތުރުން މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު، ކޯޓުތަކާއި ފަނޑިޔާރުންނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށްވެސް މާޖިދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟